ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވިލިމާލޭ ޔޫތު ސެންޓަރުން ދެއްކީ މިސާލެއް!

ވިލިމާލޭ ޔޫތު ސެންޓަރަކީ އަބަދުވެސް ވަރަށް ހަރަކާތްތެރިކަމާއެކު މާލޭސިޓީގެ އެ އަވަށުގައި ތަފާތު ހަރަކާތްތަށް ރާވާ ހިންގާ ސެންޓަރެކެވެ. އީދު ފާހަގަ ކުރުމާއި، ބީޗް ސާފު ކުރުމާއި މިހެން ގޮސް ވިލިމާލޭގެ އިޖްތިމާއި ގުޅުން އިތުރުކުރުމުގެ ތަފާތު ހަރަކާތްތަތައް ހިންގަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ވެސް ވިލިމާލެ ޔޫތް ސެންޓަރުން ވަނީ އެއްބައިވަންތަކަމުގެ މިސާލެއް ދައްކާފަ އެވެ.

ކޮވިޑް-19 އިގެ ކޮމިއުނިޓީ ސްޕްރެޑާއެކު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި ދަތިކަން ދިމާވެފައި ވެއެވެ. ވިލިމާލޭގެ ބައެއް ގެތަކަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި ހުރި ދަތިކަން ފިލުވަން އެހީއަށް އެދުނު ގޭގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ޔޫތު ސެންޓަރުގެ ވޮލަންޓިއަރުން ހަރަކާތްތެރިވެ އެވެ.

ވިލިމާލެ ޔޫތު ސެންޓަރުން ނާޝިޔާ މުހައްމަދު ވިދާޅުވި ގޮތުގައި ޔޫތު ސެންޓަރުން ވަނީ ރޯދަމަހު ފުރަތަމަ ހަފުތާގައި އެހީއަށް އެދުނު ފަރާތްތަކަށް އެހީތެރިވާން ކެއާ ޕެކޭޖް ފޮނުވައިދީފަ އެވެ.

"މިވަގުތު މިނިސްޓްރީ އޮފް ޖެންޑާ އާއި ޔުނިސެފް ގުޅިގެން ދަނީ އިތުރު އެހެން އެހީތައް ގޭގެއަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން. އަދި މި ދާއިރާގެ މަޖިލިސް މެންބަރު އުސާމްގެ އެހީގެ ޕެކޭޖްތައް ވެސް ގޭ ބިސީތަކަށް ފޯރުކޮށްދީފައި ވަނީ"

މީގެ އިތުރުން މި ފަދަ ދަނޑިވަޅަކީ ކޮމިއުނިޓީ ސެންޓަރުތަކުގެ ދައުރު ބޮޑަށް ރައްޔިތުން ބޭނުންވާނެ ވަގުތެކެވެ. ގެއިން ބޭރަށް ނުގޮސް ގޭގައި ތިބެންޖެހޭ ވަގުތެއްގައި ޔޫތު ސެންޓަރުން ވަނީ ގޭގެއަށް ވާހަކަ ފޮތާއި އަދި ކުޑަކުދިންނަށް ހާއްސަ ކްރާފްޓް ޗެލެންޖެއް ވެސް ހިންގާފަ އެވެ.

ނާޝިޔާ ވިދާޅުވި ގޮތުގައި މޮބައިލް ލައިބްރަރީ އެއްގޮތުގައި ޔޫތު ސެންޓަރު ހަރަކާތްތެރިވެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޭނުންވާ ފޮތްތަށް ގޭގެއަށް ޑެލިވާ ކޮށް ދީފައި ވާނެ އެވެ. އަދި ކްރާފްޓް ޗެލެންޖްގައި ބައިވެރިވި ކުޑަކުދިންނަށް އެ ސެންޓަރުންވަނީ ހަދިޔާ ބަހާފަ އެވެ.