ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ތީ ވައިބާ އާންޓީ އެއްތަ؟

May 10, 2020
1

ފުރާވަރު އުމުރުގައި ގޭ ދޮށުން ނުވަތަ ދޮރާށި ކައިރިން އެހެން ޖިންސެއްގެ ކުއްޖަކާއި އަނގައިން ބުނެލާއިރަށް އާއިލާ އެ ހަބަރު އެކި ދިމަ ދިމާއަށް ބާރަށް ދާ ވަޔާއެކު ފޮނުވާލަނީ "އާންޓީން" ނެވެ. އެދުވަސްވަރު ވައިބާ އެޕެއް ވެސް ސްމާޓް ފޯނެއް ވެސް ނޯވެ އެވެ. އަދި އޭރު "ވައިބާ އާންޓީ" ނިސްބަތް ނުކޮށް ކޮންމެވެސް އެހެން ނަމެއް އަހަރުމެން ކިޔާފައި އޮވެދާނެ އެވެ. "ޑިޝްއެންޓެނާ" ނުވަތަ "ބީބީސީ ރިޕޯޓަރު" ނުވަތަ "ކުޓުވާ" އެކޭ ކިޔަފާނެ އެވެ. މިފަަދަ ބައިވަރު ނަންތައް ކިޔައި އުޅުނީމެއް ނޫން ހެއްޔެވެ؟

އެއް ކަމެއް ޔަގީނެވެ؛ ކުއްޖަކާއި ވާހަކަ ދެއްކިތަން އެއިން މީހަކަށް ފެނިއްޖެއްޔާ އެކަމުގެ ހަބަރު މަންމަ، މާމަ، ބޮޑުދައިތަ، ދެބެއިންގެ ދެދަރި ދައްތަ އަދި ކޮއްކޮ، މަންމަގެ ބޮޑުދައިތައިން ފެށިގެން މުނިކާފަ ދުނިޔޭގެ ހުރިނަމަ އެމީހަކަށް ވެސް ހަބަރު އޮންނާނީ ފޮނުވާލާފަ އެވެ. އެ ހަބަރު ދޮގެއް ވެސް ނުވާނެ އެވެ.

"ވައިބާ އާންޓީ" ން މީހުންގެ ޒާތީ ކަަންކަމުގެ މައުލޫމާތު ހޯދަން ވަރަށް ފޯރި ހުރެ އެވެ. އަދި ބައެއް ފަހަރަށް މިއިން އާންޓީއަކާއި ދިމާވެއްޖެ ނަމަ ވަރަށް ޒާތީކަންކަން އޮޅުން ފިލުވާލައި ޖަވާބު ދޭން އުދަނގޫ ސުވާލުތައް ވަރަށް ފަސޭހައިން އަހާލާނެ އެވެ.

ސްކޫލް ނިމިފައި ހުރި ޒުވާނަކާ ދިމާވެއްޖެނަމަ "އަދިވެސް ވަޒީފާއަކަށް ނުދަން؟" މިއީ އާއްމު ސުވާލެކެވެ. އަދި އެވެނި ކުއްޖަކު މިހާރު އުޅެނީ ރައީސް އޮފީހުގައި ނުވަތަ އެހެން އޮފީހެއްގައި ކަން ވެސް އަންގާލާނެ އެވެ. ވަޒީފާއެއްގައި އުޅޭ ކަމަށް ބުނެފިއްޔާ މީހަކަ ނީންނަންތޯ އަހާނެ އެވެ. މީހަކަ އިނދެގެން އުޅޭ ނަމަ ދަރިއަކު ނުހޯދާ މާ ލަސްވަނީ ކީއްވެތޯ ސުވާލު ކުރާނެ އެވެ. ދަރިޔަކު ހުރިއްޔާ އަދި އެއް ކުއްޖަކު ނުވަތަ ވަކި ޖިންސެއްގެ ކުއްޖެއް ނުހޯދަންތޯ އެތައް ބައެއްގެ ތެރޭގައި ޖެހިލުމެއް ނެތި އަހާލައިފާނެ އެވެ. މިކަހަލަ ސުވާލުތަކުގެ ޖަވާބަކީ އަނެކާ ދައްކަން ބޭނުންވާ ވާހަކަތަކެއްތޯ ބެލުމެއް ވެސް ނޯވެއެވެ.

ހޮޅުއަށިތަކާއި ފައްޖެހި އެނދުތަކާއި ޖޯލިފަތިތަކުގައި މިފަދަ ވާހަކަ ދެއްކި ދުވަސްވަރު ވެސް ހިނގައްޖެ އެވެ. ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި މޮބައިލް ފޯނު އާއްމުވީ އެވެ. އަދި އޭގެ އަހަރުތަކެއް ފަހުން އަހަރުމެންނަށް އަތްފޯރާ ފަށަށް ފަހުގެ ސްމާޓް ފޯނުތައް އަތުވެއްޖެ އެވެ.

މި ވާހަކަތަށް ދެއްކުމަށް ހޮޅުއައްޓަށް ނޫނީ ތަންގަނޑު މީހުންނާއެކު ޖޯލިފައްޗަށް ނުކުންނާކަށް މިހާރަކު ދެން ނުޖެހުނެވެ. ވައިބާ އެޕް ފޯނަށް އަޅާލައި އާއިލާ ގާތް ރަހުމަތްތެރިން އަދި އެހެނިހެން ވައިބާ ގުރޫޕްތަކުގައި މި ވާހަކަތައް ފެށީ ގޭގެ ސިޓިންގެ ރޫމްގައި ނުވަތަ ނިދާ އެނދުގައި ޖައްސާލައިގެން އޮވެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު މާލެއިން ފެނުމާއެކު މި ފަދަ ވައިބާ އާންޓީން އެއް ދަރަޖަ ކުރިއަށް ޖައްސާލި އެވެ. ވައިރަހަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ ކޮންޓެކްޓް ޓްރޭސިން ކަމާބެހޭ ފަރާތްތަކުގެ ކުރިން މި އާންޓީން ހަދާލަ އެވެ. ވައިރަހުގެ ކްލަސްޓާ ފެށޭ ހިސާބައި ނިމޭ ހިސާބަށް ދަންދެން ނިންމާލައި އެތައް ބައެއްގެ ޒާތީ ވާހަކަތައް ވަައިބާ އާއި އަދި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެންގޮސް ލައިދެ އެވެ. ރަނގަޅަށް ބަލާލާއިރު ވައިރަހަށް ޕޮޒިޓިވް ވެފައި ކަމަށް ބުނާ އެތައް ބަޔަކު ހާމަ ކުރަމުންދާ އިރު އެމީހަކަށް އެކަން ނޭގި ވެސް އެބަދެ އެވެ.

ވޭތުވެ ދިޔަ ތިން ދުވަހު އެއްމެ ގަދައަށް ދެއްކެވުނު އެއް ވާހަކައަކީ ލޮކްޑައުން އިތުރަށް ވަރުގަ ދަކޮށް ޒަރޫރީ ކަންކަމަށް ވެސް ގެއިން ބޭރަށް ނުނުކުމެވޭނެ އޭ ބުނާ ވާހަކަތަކެކެވެ. މި ވާހަކަތަށް ތުން ތުން މަތިން ދެކުވުނުވެ. އަދި މިވާހަކަ އަކީ ވެސް ކޮންމެވެސް ވައިބާ ގުރޫޕަކުންއައި ވާހަކައެއް ކަމައް ބުނެވެ އެވެ. އެހެން ނަމަވެސް، މި ވާހަކަ އަކީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށް ސަރުކާރުން މިހާރު ވަނީ ބުނެފަ އެވެ.

އެއްމެންނަށް ވެސް އުނދަގޫ އަދި ހިތް ނުތަނަވަސް ވަގުތެއްގައި އިތުރަށް މީހުންގެ އެންޒައިޓީ އިތުރުވާ މިކަހަލަ ވާހަކަ ދައްކަނީ ހަމަ "ވައިބާ އާންޓީން" ނެވެ.

މޮޅުކަމަކީ ސަލާމަތް ބުއްދި ގަބޫލު ނުުކުރާ ކަހަލަ ވާހަކައެއް ކަމުގައިވިޔަސް ވައިބާ އިން ޝެއާ ކޮށްލަނީ އެވެ. މި އާންޓީންނަށް ސޯޝަލް މީޑިއާގައި ތަފާތު އެކި އެކި ފާޑުކިޔުން ވެސް މިއާއި ހުރެ އަމާޒު ވެއެވެ. މިފަދަ ދަނޑިވަޅެއްގައި އާއްމުންގެ ހިތްތަކަށް އިތުރު ނުތަނަސްވަސްކަން ގެންނަ ވާހަކައެއް ކޮންމެހެން ދަައްކަން ޖެހޭތޯ މި އާންޓީން ވެސް އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން ރަނގަޅުވާނެ އެވެ.