އައްޑޫ ސިޓީ ހޮސްޕިޓަލުން އައިޖީއެމްއެޗްއަށް ބަދަލުކުރި ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްކަން ވަރަށް ބޮޑަށް ކަށަވަރު ކޮށްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.
އައްޑޫއިން ކޮވިޑަށް ޕޮޒިޓްވްވި މީހާއަކީ ސ. މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި އައްޑޫއަށް ދިޔަ އެ މީހާ ބަލިވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އޭނާގެ ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެ، އޭނާއަކީ ކޮވިޑަށް ޕޮޒިޓިވް މީހެއް ނޫން ކަމަށް ކަނޑައަޅާފައިވަނީ ރޭ ގައެވެ. އަދި އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކުރުމަށްފަހު މިއަދު ލޮކްޑައުން ވަނީ އުވާލާފައެވެ.
އައްޑޫގެ ބައެއް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފޯލްސް ޕޮޒިޓިވްވަނީ މައިގަނޑު ގޮތެއްގައި ދެ ކަމެއް މެދުވެރި ވެގެން ކަމަށެވެ. އެއީ ލެބޯޓަރީގެ އޮޅުމެއް ނުވަތަ ސާމްޕަލް ނެގުމުގައި ކަންތައްތަކެއް ދިމާވުން ކަމަށެވެ.
މި ކޭސްގައި އެފަދަ ކަމެއް ހިނގާފައި ނުވާކަން ކަށަވަރު ކޮށްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ހަގީގަތުގައި އިޝޫއަކަށްވާނީ އޭނާ ދެވަނައަށް ކުރެވުނު ޓެސްޓުން އޭނާ ނެގެޓިވްކަން ކިހާވަރަކަށް ކަށަވަރުތޯ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކަށަވަރޭ ނެގެޓިވްކަން އޭނާ. ދެން ފުރަތަމަ ސާމްޕަލްގައި ފޯލްސް ޕޮޒިޓިވްވްއެއް ދެއްކުން، އިޓްސް ހެޕަންސް ރެއާލީ ނަމަވެސް." އަފްޒަލް ވިދާޅުވިއެވެ.
އައްޑޫ މީހާގެ ކޭސްއާއި ގުޅިގެން 26 މީހަކު އިއްޔެ ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި އެ މީހާއާ ކޮންޓެކްޓްވި ހޮސްޕިޓަލް މުއައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި ހަތް ޑޮކްޓަރުންނާއި 10 ނަރުހުން ހިމެނެ އެވެ.
އައްޑޫ ސިޓީއިން މާލެ ގެނައި މީހެއްގެ ނަތީޖާ ޕޮޒިޓިވްކޮށް ކުރިން ލިބުމާ ގުޅިގެން އެ ސިޓީގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިގެން ދިޔަ އެވެ. އަދި އައްޑޫ ސިޓީ ހޮސްޕިޓަލްގައި އެކަށީގެންވާ ވަސީލަތްތައް ނެތް ކަމުގެ ޝަކުވާ ވެސް ބޮޑުވި އެވެ.