އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ ހޮސްޕިޓަލުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. އަވަސްއާ ވާހަކަދައްކަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓްލަގައި މަސައްކަތް ކުރަމުންދިޔަ 12 މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށާ އެ މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީން ކަމަށެވެ.
އެ މީހުންނަކީ ސަޕޯޓް ސްޓާފުން ކަމަށާ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެއްވެސް ގޮތަކަށް އެ މީހުން ބައިވެރިވެފައިނުވާނެ ކަމަށެވެ. ޕޮޒިޓިވްވީ ބިދޭސީން ދިރިއުޅެމުން ގެންދިޔައީ ހުޅުމާލޭގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައެވެ.
ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައްކާތެެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހާއްސަކޮށް އާންމު ބަލިތަކުގައި ފަރުވާ ހޯދަންދާ ގިނަ މީހުން މި ދުވަސްވަރު އޭޑީކޭ ހޮސްޕިޓަލަށްދާތީ ބަލި މީހުންގެ ރައްކާތެރިކަމާއި، މަސައްކަތްކުރާ މުވައްޒިފުންގެ ރައްކާތެރިކަމަށްޓަކައި އޭޑީކޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
އައްފާލް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި މުވައްޒިފުންނަށް އަމަލުކުރަން ޖެހޭ ހާއްސަ ޕްރޮޓޮކޯލެއް އޮންނާނެ ކަމަށާ ބަލި މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުން ތިބޭނީ ފުލް ފީޕީގައި ކަމަށެވެ. އަދި އެއްވެސް މުވައްޒިފެއްގެ ކިބައިން ރޯގާގެ އަލާމާތެއް ފެންނަ ނަމަވެސް އެކަން އަންގަންޖެހޭނެ އުސޫލެއް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އެ އުސޫލުުގެ ތެރެއިން މި މުވައްޒިފުންވެސް ފާހަގަވުމުން ވަގުތުން އެ މީހުން އުޅޭ ތަންތަންވާނީ ކަރަންޓީންގެ ހާލަތަށް ގެނެސްފައި. އަދި އެޗްޕީއޭގެ ސަމާލުކަމަށް ގެނެސް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ. އަޅުގަނޑުމެން އެތެރޭގެ ނިޒާމުތައް މިވަނީ ވަރަށް ވަރުގަދަ ކުރެވިފައި. އަދި މި ކޭސްތަކުގެ މާކުރިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައްވާނީ އަޅާފައި. އަދި ކޮންމެ ދުވަހަކު އެކަންކަން ކަށަވަރުކުރެވޭ." އައްފާލް ވިދާޅުވިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން މިހާތަނަށް ޑޮކްޓަރަކަށާއި ނަރުހަކަށްވެސް ވަނީ ބަލިޖެހިފައެވެ. ނަމަވެސް އެ މީހުންނަށް ބަލި ޖެހިފައިވަނީ މުޖްތަމައުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ބައެއް ކޭސްތަކާއި ގުޅިގެން 16 ނަރުހަކު ވަނީ އެކަހެރިކޮށްފައެވެ.