ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން މި ވަގުތު 303 ގޭބީސީއެއް މޮނިޓަރިންއަށް ގެންގޮސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 835 އަރާފައިވާއިރު އެ އަދަދު އިތުރު ވިޔަ ނުދީ ހިފެހެއްޓުމަށް ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބަލި މީހުންނާ ގުޅުންހުރި ގޭބީސީތަކާއި އެމީހުން ގޮސްފައިވާ ތަންތަން ބަންދުކޮށް މޮނިޓަރިންގެ ހާލަތަށް ގެންދާން ފަށާފައި ވެއެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް 303 ގޭބީސީއެއް މޮނިޓަރިންއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ ގިނަ އަދަދެއްގެ ގޭބީސީ ހިމެނެ އެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ގޭބީސީތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން މިހާރުވެސް ހަ ރަށެެއް އަދިވެސް މޮނިޓަރިންގައި ވެއެވެ. އެއީ މާލެ ސިޓީއާއި ކ. ތުލުސްދޫއާއި ށ. ނަރުދޫއާއި ށ. މިލަންދޫ އާއި ހއ. ތަކަންދޫގެ އިތުރުން ނ. މަނަދޫ އެވެ. ދެން ހިމެނެނީ ބައެއް ފިހާރަތަކާއި ގުދަންތަކެވެ.
މޮނިޓަރިންގައިވާ ފިހާރަ އަދި ގުދަންތައް
- އުޓިމް ބްރީޒް ޝޮޕް
- ދިރުހަމް ޓްރޭޑާސް
- އުރަހަ މިނީ މާޓް
- ރަތްވިނަ ގޯޑައުން
- ރަންރިޔާއާގެ ގޯޑައުން
އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 835 އަށް އަރާފަ އެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ 280 ދިވެހިންނާއި 573 ބިދޭސީންނެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.