ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހިންމަފުށީ ރިހެބް ލޮކްޑައުންކުރި ފަހުން މީހުން ނިކުމެފައިވޭ

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ހިންމަފުށީގައި ބަލީގެ ހާލަތު އޮތް މިންވަރު ދެނަގަތުމަށް 156 ސާމްޕަލެއް ނަގައިފި އެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީތެރިވެދޭ ރީހެބުން ބަޔަކަށް ޕޮޒިޓިވްވީ އެތަނުން ނެގި ރެންޑަމް ސާމްޕަލްތަކެެއްގެ ތެރެއިންނެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކަމުގެ ތަފްސީލް ހިއްސާކުރައްވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ފަހުން އެއްވެސް މީހަކު ގެންގޮސްފައިނުވާ ކަމަށެވެ. އެ ދުވަހު ހަތަރު މީހަކު ރިހެބަށް ގެންގޮސްފައިވާ ކަމަށާ އަދި އޭގެ ކުރީ ދުވަހު ހަތަރު މީހުން ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުުރުން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެކަކު އަދި 8 ވަނަ ދުވަހު ދެ މީހުން ގެންގޮސްފައިވާ ކަމަށެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ސެންޓަރަށް ގެންދިޔަ މީހަކު ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެ ދުވަހު ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގެއަށް އައިސްފައިވާ ކަމަށާ އޭގެ ތެރެއިން އެކަކު ދިޔަ ގެއަކުން ޕޮޒިޓިވް ކޭހެއް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން ރިހެބަށް ކޮވިޑްގެ ބަލިމަޑުކަން ދިޔައީ އެ މަގުން ކަމަށް ބެލުމުގެ ފުުރުސަތު އެބައޮތް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ލޮކްޑައުން ކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނާ ކަމަށާ ނަމަވެސް ހިންމަފުއްޓަށް ނިސްބަތްވާ އެ ސެންޓަރުގެ ބައެއް މުވައްޒިފުން މެނޭޖްމަންޓަށް ނޭންގި ރަށުތެރޭގައި އުޅެފައިވާކަން އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެތަން [ޑީޓީއާރުސީ] ލޮކްޑައުން ކުރިނަމަވެސް ބައެއް ސްޓާފުން މެނޭޖްމަންޓަށް ނޭންގި އެރަށު މީހުން ކޮންމެވެސް ވަރަކަށް ރަށުތެރެއަށް ގޮސްފައިވާކަން، ރަށުތެރޭގައި އުޅެފައިވާކަމަށް. އެެހެންވީމަ އެމީހުންގެ މައުލޫމާތު އަޅުގަނޑުމެންވާނީ ހޯދާފައި." ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ހިންމަފުށިން އިތުރު ޕޮޒިޓިވް ކޭހެއް އަދި ނުފެނުނު ނަމަވެސް ރަށުގައި ބަލީގެ ހާލަތު އޮތް މިންވަރު ބެލުމަށް އެކި ސަރަހައްދުތަކުން މިއަދު 156 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެގޮތުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން 37 ސާމްޕަލް
އައްސޭރި ޖަލުން 37، އިންޑަސްޓްރިއަލް ޒޯން 45 ސާމްޕަލް އަދި ރަށުތެރެެއިން 38 ސާމްޕަލެއް ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ ހިންމަފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް، އެ ރަށައް އަރާ ފޭބުން މަނާކޮށްފައެވެ.