ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 10 މީހަކު ކޮވިޑުން ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު 10 މީހަކު ވަނީ ރަނގަޅުވެފައެވެ.

މި ނަމްބަރުތަކާއެކު ރަނގަޅުވީ މީހުންގެ އަދަދު 242 އަށް އެރީ އެވެ. އިއްޔެ ވެސް 46 މީހަކު ކޮވިޑުން ރަނގަޅުވި އެވެ. އަދި އޭގެ ކުރީ ދުވަހު ވަނީ 32 ރަނގަޅުވި އެވެ. އިއްޔެއާ ކުރީ ދުވަހަކީ ކޮވިޑުން އެންމެ ގިނަ ބަޔަކު ރަނގަޅުވީ ދުވަހެވެ.

ބައެއް މީހުން ރަނގަޅުވި އިރު މިއަދުވެސް ކޮވިޑަށް 43 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1476 އަށް އަރާފަ އެވެ. އަދި ފަސް މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

މި ބަލީގައި އެންމެ ފަހުން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ. އެމީހާ ފެނިފައިވަނީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.