ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"އަތޮޅުތަކަށް ބަލި ދާނެ ފުރުސަތު އަދި އެބައޮތް"

ކޮވިޑްގެ ބަލިމަޑުކަން އަތޮޅުތަކުގެ ތެރެއަށް ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރޭ ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް މަދު ރަށަކުން ކޮވިޑް ފެނުނު ނަމަވެސް އަދިވެސް ބައެއް ރަށްރަށުން އެ ބަލީގެ މީހުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮވިޑްގެ ބަލި މީހުން ފެނުނު ރަށްތަކުގެ ތެރެއިން މަނަދޫ ފިޔަވައި އެހެން ރަށްތަކަށް ބަލި ގޮސްފައި ވަނީ ސީދާ މާލެއިންނެވެ. ނަމަވެސް ނަޒުލާ ވިދާޅުވީ މަނަދޫ މީހާއަށް ބަލި ޖެހުނު ގޮތް އެނގިފައިނުވާ ކަމަށެވެ.

މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން އޭނާއާ ކޮންޓެކްޓްވި އިތުރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ނަޒްލާ ވިދާޅުވީ މިއީ ފިޔަވަޅުތަކުގައި އިތުރަށް ހިފަންވީ ވަގުތު ކަމަށެވެ.

"ތިން ރަށަކުން ކޭސަސް ފެނިފައި އެބަހުރި. ދެ ރަށެއްގެ މިއީ ސީދާ މާލެއާ ގުޅިފައިވާ ކޭސްތަކެއް، އެހެން ނަމަވެސް ތިންވަނަ ރަށުގެ ސީދާ ސޯސްއެއް އެނގިފައެއް ނެތް. އަދިވެސް މާލެއިން ކޭސަސް މިދަނީ ފެންނަމުން. އެހެންވީމަ އަދިވެސް ފުރުސަތު އެބައޮތް އަތޮޅުތަކުގެ ތެރެއަށް ބަލި ދިއުމުގެ. އެނގިވަޑައިގަންނަވާނެ ލޮކްޑައުންގައި އޮތް ނަމަވެސް ޒަރޫރީ ކަންކަމަށް ދަތުރުތައް އެބަކުރެވޭ. އެހެންވީމަ މި ދަތުުރުތަކުން ވެސް ކޮންމެވެސް ފުރުސަތެއް އޮންނާނެ ބަލި ފެތުރެން" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޮކްޑައުންގެ ނަތީޖާ ފެންނަ ކަމަށާ ނަމަވެސް އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށެވެ. އެކަމަކު ފިޔަވަޅުތަކަށް ލުއި ދިނުމާމެދު ނިންމުންތަކެއް ނިންމާނީ ދުނިޔޭގެ އެކި ގައުމުތަކުން އަމަލުކުރަމުން ދާ ގޮތާއި ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވެސް ނަޒުލާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންވެސް މި ދަނީ ބަލަމުން ލޮކްޑައުން ނިމުމަކަށް ގެންނާނީ ކޮން އިރަކުންތޯ، އެކަން ކަމަށް ވިސްނުން އެބަހުރި. ކޮންމެ ދުވަހަކުވެސް އަާ ޗޭންޖަސްތައް ދަނީ އަންނަމުން. އަދި ފިޔަވަޅުތައް އެޅުމުގައި ގައުމުތަކުން ވެސް އަމަލު ކުރަމުންދާ ގޮތަށް އަޅުގަނޑުމެން ވެސް ދާނީ ބަލަމުން."

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1000 ވުރެ މައްޗަށް ގޮސްފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި ލޮކްޑައުން މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރު ކޮށްފަ އެވެ.