ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮންޓެކްޓްތައް ވަރަށް ބޮޑަށް މަދުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސްގެ އަދަދު މިފަހުން ބޮޑުތަނުން މަދުވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

އެންއައިއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްކޭސްތައް ފެންނަން ފެށި ފުރަތަމަ ދުވަސްކޮޅު ކޮންމެ ކޭސްއަކާއި ގުޅިގެންވެސް ގިނަ ކޮންޓެކްޓްތަކެއް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ބައެއް ކޭސްތަކުގައި އެތައް ސަތޭކަ ކޮންޓެކްޓެއް ހުންނަ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިފަހުން ޕޮޒިޓިވްވާ ކޭސްތައް އިތުރުވަމުންދަނީ ޓެސްޓް ކުރެވޭ މިންވަރު އިތުރުވުމުން ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތައް ގިނަ ނަމަވެސް އެ މީހުންގެ ކޮންޓެކްޓްސް ވަރަށް ދަށް ކަމަށެވެ. އެއީ ލޮކްޑައުންގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ލޮކްޑައުން އައިފަހުން ކޭސްތައް ފެންނަލެއް އިތުރުވީނަމަވެސް އެވްރެޖްކޮށް ކޮންމެ ކޭސްއަކަށް ބަލާއިރު ފެންނަ ކޮންޓެކްޓްސްގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިކަން އަދި ޖުމްލަކޮށް ފެންނަ ކޮންޓެކްޓްސްގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް." ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިދިޔަ މަހުގެ 15 އިން 22 އަށް 66 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ މީހުން 1868 މީހަކާ ކޮންޓެކްޓް ވެފައިވާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ 23 ފެށިގެން 29 ގެ ނިޔަލަށް 191 މީހުން ޕޮޒިޓިވްވެފައިވާއިރު 1972 ކޮންޓެކްޓެއް ފާހަގަ ކުރެވިފައިވެއެވެ. އޭޕްރީލް މަހުގެ 30 ފެށިގެން މެއި މަހުގެ ހައެއްގެ ނިޔަލަށް 341 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ މީހުން 1267 މީހަކާއި ކޮންޓެކްޓްވެފައިވެއެވެ. އަދި މެއި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް 337 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެމީހުން ކޮންޓެކްވެފައިވަނީ 914 މީހުންނާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.