ސައިފް އަލީ ޚާން

ފުރަތަމަ ފިލްމުން ސައިފް އަލީ ޚާން ބޭރުކޮށްލި

ސައިފް އަލީ ޚާނަކީ އިންޑިޔާގެ މަޝްހޫރު އަދި މުއްސަނދި އާއިލާއެއްގެ މީހަކަށް ވިޔަސް ފިލްމީ ކެރިއަރުގެ ފުރަތަމަކޮޅު އޭނާއަށް ވަރަށް ގިނަ ހުރަސްތަކާ ކުރިމަތިވި އެވެ. ކެރިއަރުގެ ވަކި ހިސާބަކުން ރަނގަޅު ފިލްމުތަކެއް ކުޅެ އެކްޓަރެއްގެ ގޮތުގައި ސައިފަށް ރަނގަޅު މަގާމެއް ހޯދިފައި ވިޔަސް އޭނާ ކުޅެން ފެށި ފުރަތަމަ ފިލްމުން އޭނާ ބޭރުކޮށްލީ އެއް ދުވަހުގެ ޝޫޓިންގް ނިމުނު ވެސް ފަހުންނެވެ.

ދާދިފަހުން އިންޑިޔާގެ އޮންލައިން ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ސައިފް ބުނީ ޒިންމާދާރުކަން ކުޑަކަމަށް ބުނެ ފުރަތަމަ ފިލްމުން އޭނާ ބޭރުކޮށްލި ކަމަށެވެ. ސައިފް ފިލްމީ ދުނިޔެއަށް ތައާރަފްވާން ހަމަޖެހިފައި އޮތީ ރާހޫލް ރަވައިލް 1992 ގައި ޑައިރެކްޓްކުރި ރޮމެންޓިކް ޑްރާމާ "ބޭޚުދީ" އިން ކާޖޮލް އާއެކުގަ އެވެ. ނަމަވެސް ސައިފް ފިލްމުން ވަކިކޮށް ކަމާލް ސަދާނާ އަށް އެ ފިލްމު ވަނީ ދީފަ އެވެ.

ސައިފް ބުނި ގޮތުގައި "ބޭޚުދީ" ގެ ފުރަތަމަ ދުވަހުގެ ޝޫޓިންގްގައި އޭނާއަށް ޖެހުނީ "ޗާހަތު ކީ ރާހޯންމޭ" ލަވަ ކިޔަމުން ފޭކް މާކުނުވާތަކެއްގެ ތެރެއިން ނުކުންނާށެވެ. އޭނާގެ އެކްސްޕްރެޝަން ބަދަލު ކުރަން ޖެހޭތީ އޭނާއަށް އެއީ އެހާ ފަސޭހަ ކަމަކަށް ނުވި އެވެ.

"އަހަރެން އެ ފިލްމުގައި ބައިވެރިވީ އިންގްލެންޑްގެ ބޯޑިން ސްކޫލުން އައި ގޮތަށް. އެކްޓް ކުރުމުގެ އެއްވެސް ތަޖުރިބާއެއް އަހަރެންގެ ނެތް. އެހެންވެ ބިރުން ގޮސް އަހަންނަށް ހަދާނެ ގޮތެއް ވެސް ނޭނގުނު. އަހަރެންގެ އެކްޓިން ގޯސްކަމުން ފުރަތަމަ ދުވަހު ޑައިރެކްޓަރު އަހަރެން ފިލްމުން ބޭރުކޮށްލީ. ޑައިރެކްޓަރު ބުނީ ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތޭ،" ސައިފް ބުންޏެވެ.

އޭގެ ފަހުން ސައިފް ވަނީ އެކްޓިންގެ ރޮނގުން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކޮށް ފިލްމުތަކުގައި ވަރަށް ރަނގަޅު ޕާފޯމަންސްތަކެއް ދައްކާފަ އެވެ.