ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށަށްދާން ބޭނުންވާ 5،000 މީހުން އެބަތިބި

މާލެއިން ރަށަށް ދާން ބޭނުންވާ 5،000 ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅު ވެއްޖެ އެވެ.

މިއަދު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލޭގައި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ މީހުންގެ ރަށްރަށަށް ދާން ބޭނުންވާ ކަަމަށެވެ.

ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން ވަރަށް ގިނަ ބަޔަކަށް އެކަމަށް އެދެމުންދާ ކަމަށާ އެގޮތުން 5،000 ވުރެ ގިނަ މީހުން އެ ފުރުސަތު ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރު މާލެއިން އަތޮޅުތަކަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކަށް މާލެ އައިސް ތާށިވެފަައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެހެން ކަމުން ކަރަންޓީން ކުރުމަށް ފަހު އެ މީހުން ރަށްރަަށަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ އިތުުރު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލެއިން 500 ކޮޓަރި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަން ދޭނެ މީހުން ޖެންޑާ މިނިސްޓްރީން ވަނީ އާންމު ކޮށްފަ އެވެ.

އެންއީއޯސީން ރޭ ބުނީ ރަށްރަށައް ދާން ބޭނުންވެގެން 300 ވުރެ ގިނަ މީހުން މިހާރުވެސް ކަރަންޓީން ފުރިހަމަ ކުރަމުންދާ ކަމަށެވެ.