ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ކޮވިޑް ކާފިއު އުވާލައިފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހިންގަމުންދިޔަ ކާފިއު އުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ކާފިއު ހިންގުން މިރެއިން ފެށިގެން ހުއްޓާލި ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އެހެން ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ބުންޏެވެ. މިހާރުވެސް ބޭރަށް ނިކުންނައިރު މާސްކު އަޅަން ޖެހެއެވެ. އަދި މާލެއިން ރަށްރަށައްދާ މީހުން ކަރަންޓީންވާން ޖެހެއެވެ.

ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލޭގައި އެކި ވަގުތު ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ލުއިދޭން ފެށިއެވެ. އަލުން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. އެހެން ކަމުން ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައެވެ.

ރާއްޖެއިން މިހާތަނަށް 13،444 ކޮވިޑް ޖެހިފައިވާއިރު 12،836 މީހުން ވަނީ އެ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން 48 މީހަކު ރާއްޖެއިން މަރުވިއެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.