ކޮވިޑް-19 އާ ގުޅިގެން މިހާރު މުޅި ސަރަހައްދު ލޮކްޑައުންނުން ނަގާ ހާލަތުގައި، ބަލި ފަތުރިގެން ނުދާނޭގޮތަށް ދައުލަތުގެ އިދާރާތަކުގެ އިތުރުން ރައްޔިތުން އަމަލުކުރަންޖެހޭނެ އުސޫލެއް އެކުލަވާލަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުން އުވާލުމަށްފަހުގައިވެސް، ރައްޔިތުންނާއެކު އިދާރާތައްވެސް އަމަލު ކުރަންޖެހޭ އުސޫލެއް ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކުލަވާލެވެމުންދާ ކަމަށެވެ.
"ނިއު ނޯމަލްގައި މުއައްސަސާތަކާއި އާންމުން އަމަލު ކުރާނެ ގޮތްތަކެއް މިހާރު އަންނަނީ ތައްޔާރުވަމުން. އަޅުގަނޑުމެން ރެޑީ ވީމާ، އޭގެ މައުލޫމާތު އާއްމުކުރެވިގެންދާނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، އެ އުސޫލުގައި ލޮކްޑައުނަށްފަހު ރައްޔިތުންގެ ދިރިއުޅުން ބަހައްޓަންޖެހޭނެ ގޮތްތައްވެސް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ ގިނަ މުއައްސަސާތަކެއް ގުޅިގެން، އެ އުސޫލުގައި ހިމެނުމަށް އިސްކަންދޭންޖެހޭ ވަކިވަކި ދާއިރާތަކާއި ހަރަކާތްތައްވެސް ބަލަމުން އަންނަ ކަމަށެވެ.
"މިކަމުގައި ސަމާލުކަންދޭންޖެހޭ ސްޓްރެޓީޖިކް އޭރިއާތަކަކީ ކޮބައިކަން ބަލަމުން އެބަދޭ. އަދި އޭގެ ތެރެއިން ހިމަނަންޖެހޭ ވަކިވަކި އެކްޓިވިޓީތައް އައިޑެންޓިފައި ކުރުމުގެ މަސައްކަތްވެސް އެކި ގުރޫޕުތަކުން ކުރަމުން މިހާރު އެބަ ގެންދޭ،" މަބުރޫކު ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވުނު ބައެއް ގައުމުތަކުން ލޮކްޑައުން އުވާލުމަށްފަހު އަމަލުކުރަންޖެހޭނެ އުސޫލުތައް ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި މީހުން ގިނަ ތަންތަނުގައި އުޅޭއިރު މާސްކު އެޅުމާއި، ދަތުރުފަތުރު ކުރުމާއި، ސްކޫލުތަކާއި އޮފީސްތައް އަލުން ހުޅުވުމުގައި ދުރާލައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނާފައިވެ އެވެ.
މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެނުމާއެކު، މުޅި މާލެ ސަރަހައްދު ވަނީ ދެ ފަހަރެއްގެ މަތީން އެއް މަސް ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ފަހުން އިތުރުކުރި ދެ ހަފްތާގެ މުއްދަތު މިހާފްތާގެ ތެރޭގައި ހަމަވާއިރު، ބަލި ފެތުރުން ކޮންޓްރޯލްގެ ދަށަށް ގެނެވިފައިނުވާތީ، ލޮކްޑައުން އިތުރުކުރާނެކަމަށް ބެލެވެ އެވެ.
އެގޮތުން، ރާއްޖޭގައި މި ބަލީގެ ޕީކަށް ދާނީ މިމަހުގެ ފަހު ކޮޅު ކަމަށް ޑޮކްޓަރުން ވަނީ ލަފާކުރައްވައިފަ އެވެ.