ކަރަންޓީން ފެސިލިޓީއެއްގައި ސިފައިންގެ އިސް މީހަކާއި ދިވެހި ޑޮކްޓަރަކު އެކަހެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައިިފި އެވެ.
އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރަމުންދިޔަ ދިވެހި ޑޮކްޓަރަކާއި އެ ފެސިލިޓީއާއި ހަވާލުވެ ހުރި ސިފައިންގެ އެންމެ އިސް މީހާ އެކަހެރިވިކަން އެނގުނީ ރޭ ދަންވަރު އަންހެން ޑޮކްޓަރު ސިފައިންގެ އިސް މީހާ ދިރިއުޅޭ ކޮޓަރިން ނިކުންނަނިކޮށް ފުލުހަކަށް ފެނިގެންނެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުން މިއަދު ވަނީ ބަލަން ފަށާފައެވެ. އަދި މައްސަލަ ބަލަން ފަށާފައިވާކަން ސިފައިންނަށްވެސް ވަނީ އަންގާފައެވެ. ފުލުހުން ބަލަމުންދަނީ މޭޖާއެއްގެ މަގާމުގައި ހުރި ސިފައިންގެ އިސް މީހެއްގެ މައްސަލައެވެ.
ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ސިފައިންނެވެ.
އަވަސްއާ ވާހަކަދެއްކި އަންހެން މީހާގެ އާއިލާގެ މީހަކު ބުނީ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި އަންހެން ޑޮކްޓަރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ސިފައިންވެސް ރަސްމީކޮށް ވަކި އެއްޗެެއް ނުބުންޏެވެ. ނަމަވެސް އެ ދެ މުއައްސަސާގެ ބައެއް އިސް ބޭފުޅުން ވަނީ އެފަދަ ކަމެއް ހިނގާފައިވާކަން ޔަގީންކޮށްދީފައެވެ.