ބޮލީވުޑް

ފަރާ ޚާންގެ "މައި ހޫން ނާ" ތަޖުރިބާ

ފަރާ ޚާން ޑައިރެކް ޓްކުރި "މައި ހޫން ނާ" ރިލިޒްކުރިތާ 16 އަހަރު ފާއިތުވީއިރު ވެސް ފަރާއަށް އެ ފިލްމުގެ ހަނދާންތަކާ ދުރެއް ނުވެވެ އެވެ. ބޮކްސް އޮފީހުގައި ބޮޑު ތޫފާނެއް ގެނައި މި ފިލްމަކީ މުނިފޫހިފިލުވުމުގެ ގޮތުން ބަލާލަން އެންމެ ރަނގަޅު އެއް ފިލްމު ކަމުގައި ދުނިޔޭގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ފިލްމުގެ ބަތަލަކީ ޝާހްރުކް ޚާނެވެ. މިއީ ހަމަ ގައިމުވެސް އެތައް މިލިއަން މީހުންނެއް ފިލްމު ބަލަން ޝައުގުވެރިވި އެއް ސަބެބެވެ. ދެން އޮތީ މިއުޒިކެވެ. ފިލްމެއްގެ މިއުޒިކް ރީތިވެ ހިޓްވުމަކީ އެ ފިލްމަކަށް ކާމިޔާބު ލިބޭނެ ކަމުގެ 50 ޕަސެންޓް ގެރެންޓީއެކޭ ވެސް ބުނެވިދާނެ އެވެ. ކޮންމެއަކަސް "މައި ހޫން ނާ" ގެ އަލްބަމް އަކީ މުޅި އެ އަހަރުގެ ވެސް އެންމެ ރީތި އެންމެ ކާމިޔާބު އެއް އަލްބަމެވެ.

ފިލްމު ރިލީޒްކުރީ ސްކޫލް ބަންދު ދުވަސްވަރުގައި ކަމުން ފައިއިނދޭ ފުރާއިން ފިލްމު ބަލަން ސިނަމާތަކަށް މީހުން ދިޔަ އެވެ. ފުރަތަމަ ދުވަހު އެކަނިވެސް މި ފިލްމަށް 2.72 ކްރޯޑުގެ ވިޔަފާރިވި އެވެ. މީގެ 16 އަހަރު ކުރިޔާ ބަލާއިރު މިއީ ބޮޑު އަދަދެކެވެ.

ފިލްމު ބެލި ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ ފިލްމުގެ އެކި ރޯލުތަކަށް ނަގާފައިވާ އެކްޓަރުން އެ ރޯލުތަކަށް ފިޓުކަމުންނެވެ.

ނަމަވެސް މި އެކްޓަރުން ރޯލުތަކަށް ހަމަޖައްސަން ފަރާއަށް ކުރަން ޖެހުނު މަސައްކަތް އެކަކަށް ވެސް ނޭނގެ އެވެ. އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ފަރާ ބުނީ ޝާހްރުކް އާއި އޭނާގެ ޒަމާންވީ އެކުވެރިކަމުގެ ސަބަބުން ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާއަށް ޝާހްރުކް ނެގުން އޭނާއަށް އުނދަގޫ ކަމަކަށް ނުވި ކަމަށެވެ. ނަމަވެސް ދެ ވަނަ ލީޑަށް އެކްޓަރަކު ހޯދަން ވަރަށް އުނދަގޫ ވިއެވެ. ޒައިދު ޚާން މި ފިލްމުގައި ކުޅުނު ރޯލު ފުރަތަމަ ފަރާ ދޭން ބޭނުންވީ ރިތިކް ރޯޝަން އަށެވެ. "ކަހޯ ނާ ޕިޔާރް ހޭ" ކުޅުނު ދުވަސްވަރު ރިތިކް މި ރޯލު ކުޅެދޭން އެއްބަސް ވެސް ވިއެވެ. ނަމަވެސް އެ ފިލްމު ހިޓްވެ ރިތިކް ބޮޑު ސްޓާރަކަށް ވުމާއެކު ދެ ހީރޯއިން އުޅޭ ފިލްމުތަކުގައި ބައިވެރިވާން ރިތިކް ފަސް ޖެހުނެވެ.

ދެން ފަރާ އޭ ރޯލަށް ނަގަން ޚިޔާރުކުރީ ފަރްހާން އަޚްތަރެވެ. ނަމަވެސް އެ ދުވަސްވަރު ފަރްހާން އުޅެނީ ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތުގަ އެވެ. އެއްގޮތަކަށް ފިލްމު ކުޅުމުގެ ވިސްނުމެއް އޭރު އޭނާގެ ނެތެވެ. އަބީޝެކް ބައްޗަން އާއި ސުހައިލް ޚާނާ ވެސް ވާހަކަ ދެއްކި ކަމަށް ފަރާ ބުންޏެވެ.

ފަރާ ބުނި ގޮތުގައި "މައި ހޫން ނާ" ގެ ޝޫޓިން ފަށަން މަހަކާ ކައިރިވީއިރުވެސް އެ ފިލްމުގެ ދެ ވަނަ ބަތަލުގެ ރޯލަށް އެކްޓަރަކު ހަމައެއް ނުޖެހެ އެވެ. ޒައިދު ޚާނަށް ފިލްމު ދޭން ނިންމީ އޭނާ އާއި އީޝާ ޑެއޯލް ކުޅެފައިވާ "ޗުރާ ލިޔާ ހެއި ތުމްނޭ" ބަލާފަ އެވެ. އެ ފިލްމުގައި ޒައިދު އާއި އީޝާގެ އެކްޓިން ވަރަށް ފީކަޅާ ނަމަވެސް ޒައިދުގެ ކިބައިގައި ފަރާ އަޅައިގަންނަ ކަހަލަ ގޮތްތަކެއް ހުރީމަ ޒައިދު ޚިޔާރު ކުރީ އެވެ.

"ޒައިދު ލައްވާ ފިލްމު ކުޅުވުމުގައި އަހަރެންނަށް ވަރަށް ތުރާތައް ކުރިމަތިވި. ފިލްމު ޝޮޓް ވެސް ރަނގަޅުވީ 32 ފަހަރުން،" ފަރާ ބުންޏެވެ.

އަމްރިތާ ރާއޯ އަކީ ވެސް ފަރާގެ ފުރަތަމަ ޗޮއިސް އެއް ނޫނެވެ. އަމްރިތާ ކުޅުނު ރޯލަށް ފަރާ ބޭނުންވީ އައިޝާ ޓާކިއާ އެވެ. ނަމަވެސް އައިޝާ ވަގުތު ދޭނަމޭ ކިޔާފައި ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެ ފިލްމު ޝޫޓިންގް ފަށަން 10 ދުވަހަށް ވީއިރުވެސް އެ ރޯލަށް ބަތަލާއެކު ހަމަ ނުޖެހިގެން އަމްރިތާ އަށް ފިލްމު ދިނީ އެވެ. އޭރު އަމްރިތާގެ ފިލްމުތަކުގެ ތެރެއިން ރިލީޒްވެފައިވަނީ ހަމައެކަނި "އިޝްގް ވިޝްގް" އެވެ. ވަރަށް ހިތްހަމަނުޖެހި ހުރެ އަމްރިތާ އަށް އެ ރޯލު ދިން ނަމަވެސް އޭނާ ފަރާ އުންމީދުކުރި ވަރަށް ވުރެ މާ ފުރިހަމަޔަށް ޕާފޯމްކުރިކަމަށް ފަރާ އެއްބަސްވި އެވެ.

ސުޝްމިތާ ސިންގްގެ ރޯލަށް އަބަދުވެސް ފަރާ ބޭނުންވީ ހަމަ ސުޝްމިތާ އެވެ. އެހެންވީމާ އޭނާ އެ ރޯލު ގަބޫލުކުރުމުން ފަރާ އަށް އެކަމާ ހާސްވާކަށް ނުޖެހުނެވެ. މި ފިލްމުގައި ފަރާގެ މަންމަ އާއި ކޮއްކޮ ސާޖިދު ވެސް ސައިޑް ރޯލުތަކުން އޭނާ ވަނީ ދައްކާލާފަ އެވެ.