ބޭރު ކުޅިވަރު

ޗެލްސީ ބަލިކުރުމަށް ބަހަނާއެއް ނެތް: ވެންގާ

Sep 19, 2015

ޕްރެމިއާ ލީގުގައި މިއަދު ޗެލްސީ ބަލި ކުރަންޖެހޭ ކަމަށާއި އެކަމަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ބުނީ ޗެމްޕިއަންސް ލީގުގައި އާސެނަލް މިހަފުތާގައި ކުޅުނު މެޗުން ބަލިވުމަކީ ޗެލްސީ އަތުން ބަލިވެދާނެ ކަމަށް ދައްކަންޖެހޭ ބަހަނާއެއް ނޫން ކަމަށެވެ. އަދި އޭނާގެ ޓީމު ނުކުންނާނީ ފުރިހަމަ ބާރާއެކުގައި ކަމަށާއި ނަމަވެސް މެޗުގައި ފުރަތަމަ 11ގައި ކުޅުވާނެ ކުޅުންތެރިން ނިންމުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"އަހަންނަށް އަދި ނުނިންމޭ ކުރިއަށް ކުޅުވާނީ ވޮލްކޮޓް ކަމެއް ނުވަތަ ޖީރޫޑް ކަމެއް. އެކަމަކު އަހަރުމެން މެޗުން މޮޅުވާންޖެހޭ،" ވެންގާ ބުންޏެވެ.

މި ދެ ޓީމު ލީގުގައި ބައްދަލުކުރާ މި މެޗަކީ ފާއިތިވެދިޔަ 11 އަހަރު ޗެލްސީ އަށް ކުޅުނު ކީޕަރު ޕީޓަ ޗެލް ލީގުގައި އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅޭ ފުރަތަމަ ވާދަވެރި މެޗެވެ. ނަމަވެސް މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް ޗެލްސީ ބަލިކުރީ އޭނާގެ މޮޅު ކުޅުމާއެކުގަ އެވެ. އަނެއް ކޮޅުން ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ވެންގާއާ ދެމީހުންނަކީ ގުޅުން ގޯސް ދެ ކޯޗުންނަށްވާއިރު ޗެލްސީ މިވަގުތު އޮތީ ލީގުގައި އަޑިއަޅާލައިފަ އެވެ.

ނަމަވެސް ލީގުގެ 17 ވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ވެންގާ ބުނީ ޗެލްސީ އޮތް މަގާމު އޭނާ ބަލާކަށް ބޭނުމެއްނުވާ ކަމަށާއި ބޭނުންވަނީ ޗެލްސީ ބަލި ކުރަން ކަމަށެވެ.