އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރަކާއި ސިފައިންގެ އޮފިސަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކަރަންޓީނު ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ މޭޖާ ރޭންކުގެ ބޭފުޅާ އިއްޔެ ރޭ ދަންވަރު އެކަހެރިކޮށް ކޮޓަރިއެއްގައި ތިއްބާ ވަނީ ފަޅާ އަރާފަ އެވެ. އެ ކަން އެނގުނީ ސިފައިންގެ ބޭފުޅާ އެ ކޮޓަރީގައި ހުރިކަން ފުލުހުންނަށް އެނގިގެންނެވެ. އެ މައްސަލަ ބަލަން ފެށި ކަމުގެ މައުލޫމާތު ވެސް ލިބުނު ފަހުން ރޭގެ އިރާކޮޅު އަންހެން ޑޮކްޓަރު ވަނީ މާލެ ވެސް ގެނެސްފަ އެވެ.
މި ވާހަކަތައް ނޫސްތަކުގައި ޖެހުމުން ފުލުހުން ފުރަތަމަ ވަނީ އެކަން ދޮގު ކޮށްފަ އެވެ. އަދި ބުނެފައިވަނީ އެފަދަ މައްސަލައެއް ހިނގައިގެން އުޅޭ ކަމަށް މިހާތަނަށް ހުށަހެޅިފައި ވެސް ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށެވެ.
ނަމަވެސް މިއަދު ހަވީރު ފުލުހުން ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރެއްވި ޑޮކްޓަރާއި ސިފައިންގެ މޭޖާ ދަންވަރު އެކަހަރިކޮށް ބައްދަލުކުރި ޝަކުވާ ހުށައެޅި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.