ބޭރު ކުޅިވަރު

އީވާއާހެދި މޮރީނިއޯގެ މައްސަލަ ބަލަން ފަށައިފި

Sep 19, 2015

ޗެލްސީގެ ޑޮކްޓަރު އިވާ ކަރެނެއިރޯއާ ދިމާލަށް ކޯޗު ހޯސޭ މޮރީނިއޯ ބޭއަދަބީ ނުވަތަ ޖިންސީ ގޮތުން ދިމާކުރުން ފަދަ ބަހެއް ބޭނުންކުރިތޯ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި އެވެ.

މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ހިނގި މިހާދިސާގެ މައްސަލަ އެފްއޭއިން ބަލަން ފެށީ އެމައްސަލަ ބަލައިދިނުމަށް އެ ޖަމާއަތަށް ލިބެމުންދިޔަ މެސެޖްތަކުގެ ސަބަބުންނެވެ.

އިނގިރޭސި އެފްއޭގެ ގަވާއިދުގައިވަނީ އެއްވެސް އޮފިޝަލަކު ބޭއަދަބީކޮށް އަނެކާ އަށް މުހާތަބްކޮށްފިނަމަ އެމީހަކަށް ފިޔަވަޅުއަޅާނެ ކަމަށެވެ.

މޮރީނިއޯ އާއި އީވާ މައްސަލަޖެހުނީ ސްވަންސީ އަތުން ޗެލްސީ އެއްވަރުވި މެޗުގައި އެޑެން ހަޒާޑަށް އަނިޔާ ނުވަނީސް ފަރުވާދޭން ދަނޑަށް އެރުމުންނެވެ. މޮރީނިއޯ ބުނީ ޓީމު މޮޅުވާން މަސައްކަތްކުރާއިރު ދަނޑަށް އަރަންޖެހޭނީ ގޭމުގެ އޮއިވަރު ދެނެގަނެގެން ކަމަށާއި އޭނާގެ އޮފިޝަލުންނަކީ އެފަދަ ބަޔަކަށްވާންޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އިވާގެ މަގާމު ވަނީ ދަށްކޮށްފަ އެވެ. އަދި އޭގެ ފަހުން އަދިވެސް އޭނާ ވަޒީފާއަށް ނުނުކުމެ އެވެ. މި މައްސަލާގައި އީވާގެ އަދިވެސް ވަކިއެއްޗެއް ބުނެފައިނުވާއިރު އޭނާއާ ދިމާލަށް މޮރީނިއޯ ޖިންސީގޮތުން ފުރައްސާރަވާ ފަދަ ބަހެއް ބޭނުންކުރިކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.

މި ސީޒަނުގައި ޗެލްސީ އަޑިއަޅާލާފައި އޮތްއިރު ޓީމުގެ ކުޅުންތެރިންނާއި ކޯޗާ މައްސަލަޖެހިފައިވާ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. މިކަމުގެ ފަހަތުގައިވާ އެއް ސަބަބަކީ ވެސް އީވާގެ މައްސަލަކަމަށް ބައެއް މީޑިޔާތަކުން ތުހުމަތުކުރެ އެވެ.