ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވޫހާންގެ 11 މިލިއަން މީހުން ޓެސްޓު ކުރަނީ

May 13, 2020
1

ބެއިޖިންގް (މެއި 13) - ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި އެޅި ލޮކްޑައުން އުވާލިތާ މަސް ދުވަސް ފަހުން، އެ ސިޓީން އެ ބަލީގެ ކްލަސްޓާއެއް ފެނުމާ ގުޅިގެން، އެ ސިޓީގައި ދިރިއުޅޭ 11 މިލިއަން މީހުން މި ބައްޔަށް ޓެސްޓު ކުރުމުގެ ޕްލޭނެއް އެކުލަވައިލަމުންދާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފި އެވެ.

ވޫހާންގެ މުޅި އާބާދީ ޓެސްޓު ކުރުމުގެ ޕްލޭނެއް އެކުލަވާލަމުންދާއިރު، 10 ދުވަސް ތެރޭގައި މުޅި އާބާދީ ޓެސްޓު ކުރެވޭނެ ގޮތެއް ހުށަހެޅުމަށް ވެސް އެ ސިޓީގެ އެކި ޑިސްޓްރިކްޓުތަކަށް ވަނީ އަންގައިފަ އެވެ.

މިދިއަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ކޮވިޑް-19 އިގެ އެއްވެސް އާ ކޭހެއް ފެނިފައި ނުވި ނަމަވެސް، މިދިއަ ހަފުތާ ބަންދުގައި އެ ސިޓީން ހަ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެ ހަ މީހުނަކީ ވެސް އެއް އިމާރާތެއްގައި ދިރިއުޅޭ މީހުން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ވެސް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ ބުންޏެވެ.

ވޫހާން ސިޓީން އާ ކޭސްތަކެއް ފެނިފައި މިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި އެތަކެއް މަސްތަކެއް ވަންދެން ބަންދުކޮށްފައިވާ ސިނަމާތަކާއި، މިޔުޒިއަމް ފަދަ ތަންތަން މަޑުމަޑުން ހުޅާލުމަށް ސަރުކާރުން ނިންމައި، އެކަން އިއުލާނު ކޮށްފައި ވަނިކޮށެވެ.

ވޫހާނުން އިން އަނެއްކާ ވެސް ބަލި ޖެހިފައިވާ މީހުންގެ ކްލަސްޓާއެއް ފެނުމާއެކު، މުޅި ގައުމުގައި އަނެއްކާ ވެސް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ޗައިނާގައި މިހާތަނަށް ކޮވިޑް-19 ޖެހުނު ކަމަށް ރަސްމީކޮށް ރިޕޯޓު ކޮށްފައިވާ އަދަދަކީ 82.918 މީހުނެވެ. އަދި އޭގެ ތެރެއިން، މިހާތަނަށް 4،633 މީހުން ވަނީ މަރުވެފަ އެވެ.