ބޮލީވުޑް

ސަނީއާ ގުޅުން ރަނގަޅުކުރަން ޝާހް އިސް ނަގައިފި

ޔާޝް ޗޯޕްޅާ 1993 ގައި އުފެއްދި "ޑަރް" ކުޅުނު ދުވަސްވަރު ޝާހްރުކް ޚާނާއި ސަނީ ޑެއޯލް އާ ދެމެދު އުފެދުނު ރުޅިވެރިކަން މިހާތަނަށް ވެސް އޮތީ ފިނި ނުވެ އެވެ.

ނަމަވެސް މިހާރު ލަފާ ކުރެވޭ ގޮތުގައި މި ދެ އެކްޓަރުންގެ މެދުގައި އޮތް ޒަމާންވީ ފިނި ހަނގުރާމަ އަށް ވަރަށް އަވަހަށް ނިމުމެއް އައުމުގެ ކޮޅުމަތި ވަނީ ފެނިފަ އެވެ. ހުރިހާ ވެސް ޝުކުރެއް އޮތީ 1993 ގައި ސަނީ ކުޅުނު "ދާމިނީ" އަށެވެ.

ރިޝީ ކަޕޫރާއި މީނާކްޝީ ސެޝާދްރީ އާއެކު އޭނާ ކުޅުނު "ދާމިނީ" ގެ ރިމޭކެއް އުފައްދަން ސަނީ ބޭނުންވެ އެވެ. ނަމަވެސް ފިލްމުގެ ރައިޓްސް އޮތީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި "ރެޑް ޗިލީޒް އެންޓަޓައިންމަންޓާ" އި ޕްރޮޑިއުސަރުން ކަމަށްވާ އަލީ އަދި ކަރީމް މޮރާނީ އަތުގަ އެވެ.

"ދާމިނީ" އަލުން އުފައްދަން ބޭނުން ވެގެން ސަނީ އުޅޭކަން އެނގުމުން ޝާހްރުކް އަމިއްލައަށް ސަނީގެ ގެއަށް ގޮސް އެ ފިލްމުގެ ރައިޓްސް ސަނީއަށް ހަދިޔާ ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ކުރިން އަންގާލުމެއް ނެތި ކުއްލިއަކަށް ސަނީގެ ގެއަށް ޝާހްރުކް ދިއުމުން ސަނީ ވަރަށް ހައިރާންވި ނަމަވެސް "ދާމިނީ" ގެ ރައިޓްސް އެއްވެސް ޝަރުތަކާ ނުލާ ހަދިޔާ ކުރުމުން އުފާވެސް ވިއެވެ.

"ޑަރް"ގައި އޭނާއަށް ވުރެ ރަނގަޅު ރޯލެއް ޝާހްރުކަށް ލިބިފައިވާ ކަމަށާއި ފިލްމުގެ ހުރިހާ މަގްބޫލުކަމެއް ލިބުނީ ނެގެޓިވް ރޯލު ކުޅުނު ޝާހްރުކް އަށް ކަމަށް ސަނީ ގަބޫލު ކުރެ އެވެ. އަދި އެ ދުވަސްވަރު އޭނާ އާއި ފިލްމުގެ ޑައިރެކްޓަރާ ދެމެދު ވެސް ވަރުގަދަ އަރާރުންތަކެއް ހިނގި އެވެ.

"ޑަރް" ކުޅުނުއިރު ހިނގި އޭނާ ހިތްހަމަނުޖެހޭ ހާދިސާތައް ސަނީ ވަނީ އިންޑިޔާ ޓީވީގެ އިންޓަވިއު އެއްގައި ވަރަށް ތަފްސީލުކޮށް ކިޔާދީފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ޝާހްރުކް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ދާމިނީ" އަކީ ގޭގައި ގެންގުޅުނު ހައުސްމެއިޑަކަށް އިންސާފު ހޯދާދިނުމަށް ގެވެހި އަންބަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ސަނީ ބޭނުންވަނީ އޭނާގެ ފިރިހެން ދަރިފުޅު ކަރަން ލީޑް ރޯލަށް ލައިގެން "ދާމިނީ" އަލުން އުފައްދައިގެން ކަރަންގެ ފިލްމީ ކެރިއަރަށް ކުރިއެރުން ގެނެސްދެވޭތޯ ބެލުމަށެވެ.