ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން އެއްބާރުލުމެއް ނުލިބޭ

އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް އެ މީހުންގެ ސާމްޕަލް ނެގުމަށް ފަށާފައިވާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބެމުންނުދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އެންމެ ރިސްކް ބޮޑީ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުުރުން ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނެވެ.

އަފްޒަލް ވިދާޅުވީ ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އާއިލާތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާ އެންމެ ރިސްކް ބޮޑު މީހުންގެ ތެރޭގައި ބަލީގެ ހާލަތު އޮތް މިންވަރު އެނގިގެން ދިއުމަކީ މި ހާލަތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ބައެއް ބޭފުޅުން ބިރުގަންނަނީ ކަންނޭގެ، ގޭގައިވާ ދުވަސްވީ މީހަކު އެ ސާމްޕަލް ނަގައިގެން ޕޮޒިޓިވްވެއްޖިއްޔާ އެހެން ދިމާއަކަށް ގެންގޮއްސިއްޔާ އޭނާގެ ހާލަތު ވަކިން ދަށްވެދާނެތީ. އަދި އެނޫންވެސް އެހެން ކަންކަމާއި ގުޅިގެން ބައެއް މީހުން އެކަމާ އެބަ އިންކާރުކުރޭ. ހަގީގަތުގައި މި ރެންޑަމްސާމްޕްލިންއަކީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ކުރަން، އެއީ އޭގެން އަޅުގަނޑުމެންނަށް އެނގޭނީ އެންމެ ރިސްކް ބޮޑު އުމުރުފުރާގައި ބަލީގެ ހާލަތު އޮންނަ ގޮތް." އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވަނީ ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ހުރިހާ އާއިލާތަކުންވެސް އެއްބާރުލުންދީ އެކަމަށް މަގުފަހިކޮށް ދިނުމަށް އެދިފައެވެ.