މިހާރު ގޭގައި ތިބޭތާ ވީ ދުވަހެއް ބުނަން އެނގޭ މީހަކު އެބަހުރި ހެއްޔެވެ؟ އިނގިލި ބިންދައިގެން ނޫނީ ގުނޭ ވަރަށް ވުރެ ދުވަސް އިތުރުވެއްޖެ ދޯއެވެ! އެކަމަކު ޕޮޒިޓިވްކޮށް ވިސްނާލުމުން މި ލޮކްޑައުން އަކީ އަހަރުމެންނަށް ދިރިއުޅުމުގެ ކަންކަަމާމެދު ފުންކޮށް ވިސްނާލަން ލިބުނު ރަނގަޅު ފުރުސަތެކެވެ. ލޮކްޑައުން ނިމުމަކަށް އައުމުން ކުރަން އެތައް ބައިވަރު ކަމެއް ބޮލުތެރޭގައި މިހާރު ރާވާލެވިފައި އޮންނާނެ ކަން ޔަގީނެވެ. އެހެންވީމާ ލޮކްޑައުން ނިމުނީމަ އެންމެ ފުރަތަމަ ކުރާނީ ކޮންކަމެއް؟
އާއިލީ އަދި ރަައްޓެހިންނާއެކު ގެޓްޓުގެދާ
އެއް ފަސްގަނޑެއްގައި ދިރިއުޅޭ މަންމަ ނޫނީ ގާތް އާއިލާ މީހުނާއި އެކުވެރިންނާއި ދިމާ ނުވެ އެތައް ދުވަހެއްވީ އެވެ. މުޅި އާއިލާ އެއްކޮށް އެއް މޭޒެއް ދޮށުގައި ނުކައި ރޯދަމަހެއް މިއޮއް ނިމެނީ އެވެ. ހަމަ ޔަގީނުން ވެސް މަންމަ ކައްކާ ކުކުޅު ރިހަ އާއި އެހެން ކެއުންތައް ވަރަށް މިސް ވާނެ އެވެ. މި ލޮކްޑައުންއަށް ފަހު އާއިލާ އެއްމެން އެއްވެލައި ކޮށްލަން މަޖާކަމެއް މިހާރު ރާވައިފިން ހެއްޔެވެ؟ ކޮންމެވެސް ކަމެއް ބޮލުތެރޭގައި ބާއްވާށެވެ.
ދުވަން / ކަސްރަތުކުރަން
ކޮވިޑް-19 އާއެކު ވަރަށް ގިނަ ގޭގެއިން ކާބޯތަކެތި ސްޓޮކްކޮށްލީ ދެންވާނެ ގޮތެއް ނޭނގޭތީ އެވެ. އަދި ލޮކްޑައުން އާއި އެއްކޮށް ލިބުނު ހުސް ވަގުުތުގައި ކޮންމެ މީހަކު ވެސް މި ދަނީ ކެއްކުމާއި ކެއުމުގައި ހުރި ވަރެއް ދައްކާލަމުންނެވެ. ތަފާތު އެކިއެކި ޑިޝް ހަދަނީ އެވެ. ލޮކްޑައުން އަކީ ފަހުން ހަދަން ރައްކާކޮށްފައިވާ ރެސިޕީތަކުގެ އަޖުމަ ބަލާލަން ލިބުނު ފުރުސަތަކަށް ވެފައި ވެއެވެ. އެގޮތުން އެކި އެކި ފޮނި ކާ އެއްޗެހި ހަދައި އެ ކައި ނިންމާލާއިރު މީހާގެ ރޫފަ ވެސް ކޮންމެވެސް ވަރަކަށް ބަދަލުވެފައި ހުރެދާނެ އެވެ. މާލޭ ލޮކްޑައުން ނިންމާލުމުން ޖިމަށް ފުރަތަމަ ދާން އަޒުމް ކަނޑައެޅީ ކޮންބައެއް ހެއްޔެވެ؟ މާލެ ވަށައި ދުވެލަން ދާން ރެޑީވެފައި ވަނީ ކޮން ބައެއް ހެއްޔެވެ؟
ފުރަތަމަ ވެސް ސެލޫނަށް
ސެލޫނަށް ދިއުމަކީ ގިނަ މީހުންގެ އާދައެކެވެ. ފޭޝަލްއެއް ހަދާލައި ކޮންމެވެސް ކަހަލަ ސްކްރަބެއް ހަދާލުމަކީ ސެލްފްކެއާގެ ރޫޓީންގައި އޮންނަ ކަމެކެވެ. ލޮކްޑައުންގައި ބޮލުގައި ހުރި ކުލަ ނުވަތަ ބޮލުގައި އާ ކުލައެއް ޖައްސާލާ ކުލަ ބަދަލު ކޮށްލަން ސެލޫނަކަށް ދާން ބޭނުންވެފައި އެތައް ބަޔަކު ތިބޭނެ ކަން ޔަގީނެވެ. ސެލޫނަށް ދިއުމަކީ ބިޒީކޮށް އޮފީހުގައި އުޅެފައި އަމިއްލަ ނަފްސަށް ހޯދާ ވަގުތު "މީޓައިމް" ގެ ތެރޭގައި އޮންނަ މުހިއްމު ކަމެވެ. މި ލޮކްޑައުނަށް ފަހު ސެލޫންއަށް ދާނީ ކޮންބަ ހެއްޔެވެ؟
މަ ފުރަތަމަ ދާނީ މޫދަށް
މާލޭގެ ކުދި ކުދި ގެތަކުގައި އެތަކެއް ހާސް ބަޔަކު ބަންދުވެ ތާޒާ ވައިރޯޅިއެއް ނުލިބި މި ލޮކްޑައުން ގައި ތާށިވެފައި ވެއެވެ. މި ބަންދުން ވީއްލިގެން މޫދަށް އެރިލައި ފަތާލާ ހަދާލަން ބޭނުންވެފަ ތިބި ކޮންބައެއް ހެއްޔެވެ؟ ޑައިވެއް ޖަހާލައި ފީނާލަން ކެތްމަދުވެފައި ތިބީ ކޮންބައެއް ހެއްޔެވެ؟
މޫދަށް ނޭރުނަސް ތަޖުރިބާކާރުން ބުނާގޮތުގައި ގޮނޑުދޮށުގައި ވަގުތު ހޭދަކުރުމަކީ މީހާގެ ސްޓްރެސް ފިލުވާލާ ކަމެކެވެ. ގޮނޑުދޮށުގައި މޫނަށް ވައި ޖައްސާލާ އެކުވެރިންނާއެކު މަޖާކޮށްލަން ކެތްމަދުވެފައި ތިބީ ކޮންބައެއް ހެއްުޔެވެ؟
ބޭނުމީ އަވަހާ ރަށަށް ދާން
މާލެއަށް ގެނައި ލޮކްޑައުން އާއި ރަށްރަށުގައި ދިރިއުޅޭ މީހުން މާލެގައި ތާށިވެ ރަށަށް ދެވޭ ގޮތް ނުވެފައި އެބަތިއްބެވެ. މި އެއްމެން ވެސް ކެތްމަދުވެފައި ވަނީ ލޮކްޑައުން ނިންމާ އަވަހާ ރަށަށް ދާށެވެ. ދަތުރު ދިގު ލައިގެން ގޮސް އަތްމަތި ހުސްވެ މީހާގެ ސްޓްރެސް އިތުރުވެފައި ވެސް ހުރެދާނެ އެވެ. ހަމަޔަގީނުން ވެސް މި އެންމެނަށް ހަމަނެވާއެއް ލެވޭނީ އަމިއްލަ ވަޒަނަށް ދެވުނީމަ އެވެ. ރަށުގައި ދިރިނޫޅުނަސް ރަށަށް ޖައްސާލަން ޕްލޭން ކުރަން ހެއްޔެވެ؟
ލޮކްޑައުން ނިންމާފައި އެމީހަކު ހިތްއެދޭ ކަމެއްކުރަން މިހާރުންސުރެ ރާވަންވީ އެވެ. ކަންކަމާއި މެދު ފޮނި އުއްމީދެއް ނުވަތަ ހާސިލް ކުރަން ބޭނުން ކޮންމެވެސް ލަނޑުދަނޑިއެއް އޮތުމަކީ އުނދަގޫ ހާލަތްތަކުގައި ވެސް މީހާއަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. އަދި ލޮކްޑައުން ނިމުމަށްފަހު ކުރަން ގަސްދު ކޮށްގެން ހުރިކަންތައްތައް ހާސިލުވުމުން މީހާއަށް އުފާވެރިކަން ގެނެސްދޭނެ އެވެ. ލޮކްޑައުން ނިންމާފައި ކުރާނެ ކަންކަން މިހާރު ޕްލޭންކޮށްލަންވީ އެހެންވެގެނެވެ. އަވަހަށް ނޯޓް ފޮތުގައި ލިޔެލާށެވެ.