ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

"ކޮރޯނާކޯސްޓާ" ތަޖުރިބާ ކުރިންތަ؟

ކޮވިޑް-19 އާއެކު ދުނިޔެ ހުއްޓުމަކަށް އައެވެ. ދިރިއުޅުމުގެ ހުރިހާ ކޮޅަކަށް މީގެ އަސަރު ކުރި އެވެ. ބަސް ކޮށާރަށް ވެސް މީގެ އަސަރު ކުރި އެވެ. ބަހަކީ އަބަދު ވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. ހާލަތާއި ދުވަސްވަރާއި ގުޅޭ ގޮތުން ބައެއް ބަސްތައް ވައިގައި ހިފައެވެ. އެފަދަ ބަސްތައް އިވޭލެށް ގިނައެވެ. ބައެއް ބަސްތައް އިވި ފަރިތަ ވެެސް ވެއްޖެ އެވެ.

ރަސްމީކޮށް ބޭނުންކުރާ ބަސްތަކަގެ އިތުރުން ނުރަސްމީކޮށް ބޭނުން ކުރާ ބަސްތަކަށް ކޮވިޑް-19 އިން ބަސްތަކެއް އިތުރު ކޮށްދިނެވެ. އެއް މިސާލަކީ ކޮވިޑިއަޓްސް" އެވެ. މިއީ އަހަރުމެންގެ ތެރޭގައި ކޮވިޑް-19 އިގެ ކަންކަމަށް ސަމާލު ކަމެއް ނުދީ އިރުޝާދުތަކަށް ކަމޭ ނުހިތާ ބަލި މިއީ މާ ބޮޑުކަމެއް ކަމަށް ނުހަދާ ލުއިކޮށް ބަލި ނަގާ މީހުން ސިފަ ކުރުމަށް ބޭނުންކޮށް އުޅޭ ބަހެކެވެ. މިބަސް ވެސް މިހާރު އަހަރުމެންނަށް އާއްމެވެ. ކޮވިޑްއަޓުން އަކީ ކޮންބައެއްކަން ވެސް ހާމަވެއްޖެ އެވެ.

ކޮވިޑް-19 އިގެ ތަޖުރިބާ އަދި ލޮކްޑައުންގެ އިހްސާސް ބުނެދިނުމަށް އެހެން ބަހެއް ބޭނުން ކުރި އެވެ. އެއީ "ކޮރޯނާކޯސްޓާ" އެވެ. ކޮވިޑިއަޓުން ހާ މި ބަސް މަގުބޫލު ނުވިއަސް މިއީ ލޮކްޑައުންގައި އަހަރުމެންގެ އިހްސާސްތަކާއި މޫޑު ސިފަ ކުރުމަށް ބޭނުން ކުރާ ބަހެކެވެ. އެއް ދުވަހު މޫޑު ހުންނަ ގޮތާއި އަނެއް ދުވަހުގެ މޫޑް ހާސްބައި ތަފާތުވެ ރޯލާކޯސްޓާއަށް ދާ ގޮތަށް އިހްސާސްތަކަށާއި މޫޑު ބަދަލުވެގެން ދާ ގޮތް ސިފަ ކުރުމަށް ބޭނުންކުރާ ބަހެކެވެ.

ކޮރޯނާކޯސްޓާ އެއް ލޮކްޑައުންގައި ތަޖުރިބާ ކޮށްފިނަމަ އެއްދުވަހު ވަރަށް ހިންގާލަައިގެން ބަނަސް ފިހެ ޕާން ފިހެ ކަންކަން ކޮށްލާ ދެވަނަ ދުވަހެއްގައި މޮޅި ސާލު ލައިގެން އެއް ކަމެއް ވެސް ކުރާހިތް ނެތިފައި އޮތުމަކީ މީގެ މިސާލެކެވެ.

ރާއްޖޭގެ ލޮކްޑައުން ދެމަހާއި ގާތް ވާން ކައިރިވެފައިވާ އިރު ކޮރޯނާކޯސްޓާ އެއް ތަޖުރިބާ ކުރިން ހެއްޔެވެ؟ ލޮކްޑައުންގައި ހޭދަވީ މި ދެމަސް ދުވަސް ކުރީ ކޮން ކަމެއް ހެއްޔެވެ؟ ބޭކާރު ގޮތުގައި ދުއްވާލީހެއްޔެވެ؟ ނޫނީ އަބަދުވެސް ކުރަން ބޭނުން ޕްރޮޖެކްޓެއްގެ ކަންކަން ހިންގާލީން ހެއްޔެވެ؟

ކޮރޯނާކޯސްޓަާ އެއް ތަޖުރިބާ ކުރެވުނެވެ. ލޮކްޑައުންގައި އެއް ހަފުތާގައި ވަރަށް ގަދައަށް ކެއްކި ދުވަސްތަކެއް ދިޔަ އެެވެ. އަމިއްލަ ރެސިޕީތަކެއް ހެދީ އެވެ. ޑަލްގޯނާއިން ފެށިގެން ބަނަހާއި ކޭކާއި ދިވެހި ރަހަ ހިމެނޭ ރެސިޕީއެއް ކަމުގައިވާ ކަށިކެޔޮ ޕުޑިންްގް އެއްވެސް ހެދީ އެވެ. މިއީ ގޭގައި ހުރެ ލިބުނު ވަގުތުތަކުގައި ކުރި ކަންކަމެވެ.

ލޮކްޑައުންގައި އަނެއް ކަަމަކަށް ކުދިންނަށް ކިޔަވައި ދިނުމުގެ ޕްރޮޖެކްޓެއް ހިންގުނެވެ. ކިޔަވައި ދިނުމުގައި ކުދިން ޝައުުގުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަން އެކި އެކި މަސައްކަތް ހަވާލުކޮށް ކުޅުމުގެ ތެރެއިން ކިޔަވައި ދިނުމަށް މަސައްކަތް ކުރެވުނެވެ.

ރޯދަ އާއި ގާތްވިއިރު މުޅި ގޭ އެއްކޮޅުން އަނެއް ކޮޅަށް ސާފު ކޮށްލެވުނެވެ. ތަފާތު ފޮތްތަކެއް ވެސް ކީމެވެ. ދެ ދުވަހެއްގައި ގޭގައި ކަސްރަތު ކުރެވުނެވެ. ފޭސްބުކްގައި އޯގާތެރިކަން ޕްރޮމޯޓް ކުރުމަށް ގުރޫޕެއް ހިންގުމަށް މަސައްކަަތް ކުރެވުނެވެ. އަދި ދީނީ ކަންކަމަށް ދޭ ސަމާލުކަން ބޮޑުތަނުން އިތުރު ކުރެވުނެވެ.

މި ހުރިހާ ކަމަކަށް ފަހު ވެސް ލޮކްޑައުންގެ އެންޒައިޓީ އިހްސާސް ކުރެވެ އެވެ. އެއްކަމެއް ނުކޮށް ހުންނަން ބޭނުން ވެއެވެ. ގޭތެރޭ ބަންދުވެ މާ ގިނަ ދުވަސް ވުމުން މާޔޫސް ވެއެވެ. ހާސްވެއެވެ. ބޭނުން ވަނީ ލޮކްޑައުންގެ ހާސްކަން ފިލުވާލަން ބޭރަށް ނުކުމެލާށެވެ. މަންމަ ދެކިލަން ދާށެވެ. އުމުރު މައްޗަށް ގޮސްގައިވާ މާމަގެ ހާލު ބަލާލަން ދާށެވެ. ކުދިން ގޮވައިގެން ކުޅެލަން ޕާކަށް ދާށައި މޫދަށް ދާށެވެ.

މިއީ ބައެއް މީހުންގެ "ކޮރޯނާ ކޯސްޓާ" އެވެ. ކޯރޯނާ ކޯސްޓަގެ ތަޖުރިބާއަކީ ކޮބާ ހެއްޔެވެ؟ ބޮޑު ތަސައްވަރުތަކާއެކު އައި 2020، ވެގެން މިދިޔައީ އާއްްމު ދިރިއުޅުން ހުއްޓުމަކަށް އައި އަހަރަކަށެވެ. މިކަންކަން ޑައިރީގައި ނަމަވެސް ލިޔެލާފައި ބޭއްވުން މުހިންމެވެ.

މިއީ އެއްމެންނަށް ވެސް ދަތި އުނދަގޫ ދުވަސްވަރެކެވެ. ވަޒީފާ ގެއްލުމާއި ކުލި ނުދެއްކުން ފަދަ މާލީ އެކި އެކި ގޮންޖެހުމާއި ދިމާވެދާނެ އެވެ. ކޮރޯނާކޯސްޓާ އެއް ތަޖުރިބާކޮށް މޮޅިވެރިވެ ދާނެ އެވެ. ނަމަވެސް މަސައްކަތް ކުރަންވީ އަރައިގަތުމަށެވެ. އުއްމީދެއް ނުވަތަ ގޯލެއް ކަނޑައަޅާ އެކަމެއް ހާސި ލްކުރުމަށް މަސައްކަތް ކުރަންވީ އެވެ.