ބޮލީވުޑް

ބަގްޔާޝްރީ އެނބުރި އަންނަނީ ޕްރަބާސް އާއެކު

"މައިނޭ ޕިޔާރް ކިޔާ" އަކީ 1989 ގައި ރިލީޒްކުރި އަދި މިހާތަނަށް ވެސް ގިނަ ބަޔެއްގެ އެންމެ ފޭވަރިޓް ފިލްމެވެ. މި ފިލްމުން ސަލްމާން ޚާނާއެކު ބޮލީވުޑަށް ތައާރަފުވީ ބަގްޔާޝްރީ އަކީ ވެސް އެ ދުވަސްވަރު ވަރަށް މަޝްހޫރުވި ބަތަލާ އެކެވެ. އެ ފިލްމު ރިލީޒްވިތާ މާ ގިނަ ދުވަހެއް ނުވެ ކައިވެނިކޮށް ބަގްޔާޝްރީ ވަނީ ފިލްމީ ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.

ކައިވެންޏަށް ދެ ދަރިން ލިބި އެ ދެ ދަރިން ބޮޑެތިވެ އަދި ފިރިމީހާ އާ މައްސަލަޖެހި އޭނާއާ ވަކިން ދިރިއުޅެމުންދާ ބަގްޔާޝްރީ އަނެއްކާ ވެސް ފިލްމު ކުޅެން ފަށަން މިހާރު ވަނީ ނިންމާފަ އެވެ.

އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބަގްޔާޝްރީ ބުނި ގޮތުގައި ދެ ޕްރޮޖެކްޓެއްގެ ސްކްރިޕްޓް މިހާރު ކިޔަމުންދާ ކަމަށާއި އެ ދެ ފިލްމު ކުޅެން ނިންމާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން އެއް ފިލްމެއްގެ މަސައްކަތް ލޮކްޑައުންގެ ކުރިން ފަށާފައިވާ ކަމަށް ވެސް ބަގްޔާޝްރީ ބުންޏެވެ. އެ ފިލްމުގެ ބަތަލަކީ "ސާހޯ" ގެ ތަރި ޕްރަބާސް އެވެ.

އަދި ނަމެއް ކަނޑައެޅިފައިނުވާ މި ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާ ކަމަށް ވެސް ބަގްޔާޝްރީ ބުންޏެވެ. ނަމަވެސް ޝޫޓިން ވަނީ ފަށާފައި ކަމަށާއި ނަމަވެސް އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.

ބާގްޔާޝްރީ ބުނި ގޮތުގައި އޭނާ އަލުން ފިލްމު ކުޅެން ފަށަން ބާރު އެޅީ އޭނާގެ ދެ ދަރިން ކަމަށްވާ އަބިމަންޔޫ އާއި އަވަންތިކާ އެވެ. ފިލްމީ މަސައްކަތަކީ ބަގްޔާޝްރީ ހިތްހަމަޖެހޭ ކަމެއް ކަމަށް ދަރިންނަށް އެނގޭތީ އަލުން ފިލްމީ ދުނިޔެއަށް މަންމަ ނެރެން އެކުދިން ބާރު އެޅީ އެވެ.

ބާގްޔާޝްރީގެ ފިރިހެން އަބިމަންޔޫ ދަސާނީ ވެސް މިހާރު ވަނީ ފިލްމު ކުޅެން ފަށާފަ އެވެ. އެގޮތުން އޭނާ ކުޅުނު ފުރަތަމަ ފިލްމު "މަރްދު ކޯ ދަރްދު ނެހީ ހޯތާ" ވަނީ 2019 މާޗް މަހު ރިލީޒްކޮށްފަ އެވެ. އަދި އޭނާ މިހާރު ދަނީ ޝިލްޕާ ޝެޓީ އާއި ޝާލީ ސޭޓިއާ އާއެކު "ނިކައްމާ" ކިޔާ ފިލްމެއް ކުޅެމުންނެވެ.