ރިތިކް ރޯޝަން އާއި ކެޓުރީނާ ކައިފްގެ "ބޭންގް ބޭންގް" ގައި ރިތިކް ވަރަށް މޮޅަށް ނަށާފައިވާ "ތޫ މޭރީ" ލަވަ ޝޫޓް ކުރިއިރު 12 ފަހަރަށް ރިތިކް ބޫޓު ބަދަލުކުރި ކަމަށް އެ ލަވައިގެ ކޯރިއޯގްރާފަރު ބޮސްކޯ މާޓިސް ބުނެފި އެވެ.
އެތައް އެވޯޑެއް ހޯދާފައިވާ ކުޅަދާނަ ކޯރިއޮގްރާފަރު ބޮސްކޯ ބުނީ ރިތިކް އަކީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބަހައްޓަން ބޭނުންވާ "ޕާފެކްޝަނިސްޓެއް" ކަމަށެވެ. އެގޮތުން "ތޫ މޭރީ" ލަވައިގެ ހުކް ސްޓެޕް ފަސޭހަ ކަމާއެކު ނުހެދިގެން ރިތިކް 12 ފަހަރު ބޫޓު ބަދަލު ކުރި ކަމަށެވެ.
"ކޮންމެ ބޫޓެއްގައި އިރުކޮޅަކު ނަށާފައި އެ ބޫޓު އުނދަގޫ ވެގެން އަނެއްކާވެސް އެހެން ބޫޓަކަށް އަރަނީ. އެ ލަވަ ޝޫޓް ކޮށްފައި ވަނީ ވަރަށް އޮމާން އަދި ކައްސާ ތަޅުންގަނޑެއްގައި. އެހެންވެ ހިތްހަމަޖެހޭ ކަހަލަ ބޫޓެއްގައި ނޫނީ އޭގައި އެ ހަދާ ސްޓެޕްތައް ހަދަން ވަރަށް އުނދަގޫ ވާނެ. ނަމަވެސް ރިތިކްގެ ސްޓޭޕްތައް ހަލުއި ކަމުން އެއްވެސް މީހަކަށް އޭނާގެ ބޫޓު ބަދަލުވާ ތަން ފާހަގައެއް ނުކުރެވޭނެ. ހަގީގަތުގައި އެ ނެށުމުގައި އެއްގޮތަކަށް ވެސް ބޫޓު ނުވެސް ފެނޭ،" ބޮސްކޯ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ލަވައިގެ ނެށުން މޮޅުކަމުން ކެޓުރީނާ އަށް ވެސް ނަށާ ނުލާ ހުރެވުނީ ހަމަ ކިރިޔާ އެވެ. ކެޓުރީނާގެ ކެރެކްޓާ އެ ވަގުތު އިންނަން ޖެހެނީ ވަރަށް މަޑުން ނަމަވެސް އިރުއިރުކޮޅާ އޭނާއަށް ތެދުވެ ނެށެން އުޅުނު ކަމަށް ބޮސްކޯ ބުންޏެވެ.
ބޮސްކޯ މި ވާހަކަތައް ހިއްސާ ކޮށްފައިވަނީ އޭނާ އަމިއްލައަށް މި ލަވަޔަށް ނަށާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.
ބޮސްކޯ މި ވީޑިއޯ ޝެއާ ކުރުމާއެކު އެންމެ ފުރަތަމަ ވެސް ކޮމެންޓްކުރީ ރިތިކް އެވެ. ރިތިކްގެ ކޮމެންޓުގައި ބޮސްކޯގެ ނެށުން ވަރަށް މޮޅު ކަމަށް ބުނެފައި ވެއެވެ.
ވަރުން ދަވަން ވެސް މި ވީޑިއޯއަށް މެސެޖުކޮށްފައި ވެއެވެ. ވަރުން ބުނީ މި ވީޑިއޯގައި ބޮސްކޯ ސްޓެޕްތައް ފުރިހަމަ ނުކުރާ ކަމަށާއި އެހެންވެ އޭނާއަށް ޓްރޯލްކުރަމުން ގެންދާނެ ކަމަށެވެ.