ކޮވިޑް-19 އަށް އިތުރު 14 މީހަކު ރާއްޖެެ އިން ޕޮޒިޓްވެ ވެއްޖެ އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އިތުރު 14 މީހަކު ބައްޔަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 982 އަށް އަރާފައިވާ ކަމަށެވެ. އެހެން ކަމުން މިއަދު އެކަނިވެސް 27 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މިވަގުތު ރާއްޖޭގައި 930 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. 46 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.
ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ވައިރަހުގައި އިއްޔެ އަވަހާރަވީ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އެެވެ.