ލައިފްސްޓައިލް

ފްލޯރަލް ރޮށި ދަމާފިލާ ވަރަށް ކަމުދޭ!

ދިވެހިންގެ ކެއުުމުގެ މައިގަނޑު އެކައްޗަކީ ރޮއްޓެވެ. ރޮށި ދަމަން ބޭނުން ކުރާ ފިލާގަނޑަކީ ކޮންމެ ގެއެއްގެ ބަދިގޭގައި ކޮންމެހެން ވެސް އޮންނަން ޖެހޭނެ އެއްޗެކެވެ. އާއްމުކޮށް ގޭގޭގައި ގެންގުޅެނީ ކޮންމެވެސް ފިހާރައަކުން ގަނެލަަައިގެން އުޅޭ ވަރަށް އާދައިގެ އެއްކުލައިގައި އޮންނަ ރޮށިދަމާ އެއްޗެއްކެވެ. ކަސްޓަމްކޮށް ބޭނުން ޑިޒައިނަކަށް ހަދާފައި ހުންނަ ރޮށިދަމާ ފިލާގަނޑު ހަދައިގެން ވަރަށް މަދުން ނޫނީ ނޫޅެ އެވެ.

މި ރޯދަމަހާއި ކައިރިވަމުން ދިޔައިރު ގދ. ވާދޫއަށް އުފަން މުހައްމަދު އަލީ 65، ގެ ކޮއްކޮއަކު އޭނާއަށް ގުޅައި ރޮށިދަމާ ފިލާގަނޑު ހަލާކުވެފައިވާތޫ އޭނާއަށް އާ ފިލާގަނޑއް ހަދައިދޭން އެދުނެވެ.

މުހައްމަދަކީ ވަޑިއެކެވެ. ފުރާވަރުން ފެށިގެން ކުރަމުން އައި މަސައްކަތަކީ ވެސް ވަޑާމެވެ. އެހެންވެ ރޮށިދަމާ ފިލާގަނޑެއް ހަދާލުމަކީ އޭނާއަށް ރޮއްޓެއް ފިލުމަށްވުރެ ވެސް މާ ފަސޭހަ ކަމެކެވެ.

ދިރިއުޅުން ކ. ހުރާ އަށް ބަދަލު ކޮށްލައިގެން މުހައްމަދު އަލީ އުޅެނީ ހުރާގަ އެވެ. މިހާރު ކިތަންމެ އަހަރެކެވެ. ދިރިއުޅެން އާމްދަނީ ހޯދަން ކައިރީގައި އޮންނަ ފޯސީޒަން ކުޑަހުރާގައި ވަޑާމުގެ މަސައްކަތް ކޮށްލައި އުޅެއެވެ. މިފަހަރު ދުރުގައި ހުރި ކޮއްކޮގެ އިޝާރާތެއް ވުމާއެކު ރޮށިދަމާ ފިލާގަނޑެއް ހަދާލައި ދިނީ ވަރަށް ރުހޭނެ ގޮތެއް ވިސްނައިގެނެވެ.

އާއްމުކޮށް ފިހާރަތަކުން ވިއްކަން ހުންނަ އާދައިގެ އެއްކުލައެއްގެ ހުދު ބޯޑު / ނޫ ބޯޑު ފިލަ އާއި މުހައްމަދުގެ އުފެއްދުން ތަފާތުވީ ހައިވަކުރުން ހަދައި ޕްލާސްޓިކް ގަނޑެއް މައްޗަށްލައި އެތެރެއަށް ފްލޯރަލް ކަރުދާހެއް ދުއްވާލާފައި ހުންނާތީ އެވެ. އެހެންވެ އާއްމުކޮށް ފެންނަ ރޮށިދަމާ ފިލާގަނޑާއި މި ފިލާ ހާސްބައި ތަފާތުވެފައި ޒަމާނީ ވެއްޖެ އެވެ.

މުހައްމަދުގެ ކޮއްކޮއަށް މި މިފިލާ ރީތިވެ، ވަރަށް ކަމުގޮސްގެން އޭގެ ފޮޓޯއެއް ސޯޝަލްމީޑިއާ އަށް ދޫކޮށްލީ އޭނާގެ "ބޭބެ ރޯދައަށް ދިން ހަދިޔާއެއް" ކަމަށް ބުނަމުންނެވެ. އޭގެ ފަހުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް އެ ފިލާ ކަމުގޮސް އެއަށް ލައިކް އޮއްސާލީ އޮބި ނޯންނަ ވަރަށެވެ. އެވަރަށް ހިތް ވެސް ދިނެވެ. ދުވަހަކު ރޮއްޓެއް ނުދަމާ މީހުން ވެސް ރޮށި ދަމަން ހިތްޖެހުނީ އެވެ. ރީތި އެއްޗެއް ބަދިގޭގައި އޮތުމުން މި ފިލާ ފެންނަން އޮތަސް ހިތްހަަމަޖެހޭނެ އެވެ.

"އިޝްތިހާރުކޮށް ވިއްކާކަށް ނަހަދަން އެހެނެއް. ބުނީމަ ހަދާލަނީ. ވާދޫގެ އާއިލާ އެއްމެންނަށް އެކި ޑިޒައިން ހަދާފައި ދިނީ. މިފަހަރު ރޯދައަށް މާލެ ފޮނުވަން ހެދި ޑިޒައިން އެމީހުން އުޅޭ ވަރަށް ކަމުގޮސްގެން،" މުހައްމަދު ބުންޏެވެ.

މުހައްމަދުގެ މަސައްކަތް ދައްކާލަން 2015 ވަނަ ބޭއްވި މައުރަޒެއްގައި އޭނާ ބައިވެރިވެފައިވެ އެވެ.

"މާލޭގައި 2015 އޮތް މައުރަޒުގައި ބައިވެރިވިން. އޭގައި ހަދާފައި ހުރި ހުރިހާ ރޮށިދަމާ ފިލައެއް އެފަހަރުވިކުނު".