ބާޒާރު ކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. އެކަމާއި ގުޅިގެން އާންމު ބޭނުންތަކަށް ބާޒާރު ކުރުމަށް އާންމުންނަށް ހުއްދަ ދެމުން ގެންދަނީ ފުލުހުންގެ އިދާރާއިންނެވެ. މާލެ ސިޓީ އެކި ޒޯންތަކަށް ބަހާލުމަށްފަހު އެ ޒޯންތަކުގައިވާ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ކަނޑައެޅޭ ވަކި ގަޑިތަކެއް ފުލުހުން ދެއެވެ.
އެގޮތުން ދުވާލެެއްގެ މައްޗަށް 600 އެއްހާ މީހުންނަށް ވިޔަފާރި ކުރުމުގެ ހުއްދަ ދެއެވެ.
ފުލުހުން މިރޭ ބުނީ ބާޒާރު ކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު. ތިޔަ ބޭފުޅުންނަށް ކަނޑައެޅިފައިވާ އާ ގަޑިތައް އާ މެސެޖަކުން ލިބިވަޑައިގަންނަވާނެ. އަލުން ރެޖިސްޓާކުރައްވަން ނުޖެހޭނެ." ފުލުހުންގެ ޓްވީޓްގައި ބުނެފައިވެއެވެ.
ބާޒާރު ކުރުމަށް ދޫކުރެވިފައިވާ ހުއްދައަށް ބަދަލު ގެންނަން ނިންމާފައިވާއިރު ކުރިން ހަފްތާއަކު ދެ ދުވަހު ބާޒާރު ކުރުމަށް ހުއްދަ ދެމުންދިޔައެވެ.
ފުލުހުން މިފަދަ ބަދަލެއް ގެނައުމަށް ނިންމާފައިމިވަނީ ކުރިއަށް އޮތް ދެ ހަފްތާގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާތީއެވެ.