ވިޔަފާރި

މޮބައިލް ޕޭމަންޓަށް ރަށްރަށުގައި ތަރުހީބު ބޮޑު

May 15, 2020

ރާއްޖޭގެ މޮބައިލް އޮޕަރޭޓަރުން ތައާރަފު ކޮށްފައިވާ "ކޭޝް ލެސް" ޕޭމަންޓް ނުވަތަ މޮބައިލް ޕޭމަންޓް ތަކަށް ރަށްރަށުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު މުޅި ރާއްޖޭގައި މޮބައިލް ޕޭމަންޓުގެ ހިދުމަތް ދޭ 700 އެޖެންޓުން އެބަތިއްބެވެ.

މޮބައިލް ޕޭމަންޓް ހިދުމަތަކީ އޭޓީއެމް އާއި ޕީއޯއެސް މެޝިން ނުވަތަ އެއްވެސް ބޭންކެއް މެދުވެރި ނުކޮށް ފޯނުން ތަކެތި ގެނެ، ހިދުމަތް ތަކަށް އަގު އަދާ ކުރެވޭ ހިދުމަތެކެވެ.

މޮބައިލް ޕޭމަންޓް ހިދުމަތް ރާއްޖޭގެ 70 ރަށަކުން ލިބެ އެވެ. އަދި މޮބައިލް ޕޭމަންޓުގެ ހިދުމަތް ބޭނުންކުރާ މީހުންގެ 50 ޕަސެންޓަކީ ރަށްރަށުގެ އާބާދީ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މޮބައިލް ޕޭމަންޓް ހިދުމަތް މެދުވެރިކޮށް ހަދާފައިވާ ޓްރާންސެކްޝަންތައް 2018 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ދެ ގުނަ އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި މޮބައިލް ޕޭމަންޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫން އިންނެވެ. އުރީދޫން މި ހިދުމަތް ދެނީ "އެމްފައިސާ" ގެ ނަމުގަ އެވެ. އަދި ދިރާގުން މި ހިދުމަތް ދެނީ "މޮބައިލް ޕޭ" ގެ ނަމުގަ އެވެ.