ކ. ހިންމަފުށީގައި ހުންނަ ރީހަބުން ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށުގެ ކައުންސިލް މެންބަރު ހަސަން ފާއިޒު މިއަދު އަވަސްއަށް ވިދާޅުވި ގޮތުގައި އެޗްޕީއޭއިން ވަނީ ހިންމަފުށީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާކަން މިއަދު އަންގާފަ އެވެ.
ނަމަވެސް ރަށަށް މީހުން އެރުމާއި ފޭބުން މަނާކޮށް ޒަރޫރީ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން އެންގި ވަކި ސަބަބެއް ނާންގާ ކަމަށް ފާއިޒް ވިދާޅުވި އެވެ.
އެހެންނަމަވެސް ރީހަބުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު ވަރަށް އިތުބާރު ހުރި ގޮތަކުން ކައުންސިލަށް މިހާރު ލިބިފައިވާ ކަމަށް ފާއިޒް ވިދާޅުވި އެވެ. ފާއިޒް ވިދާޅުވި ގޮތުގައި ރީހަބުން ނެގި ރެންޑަމް ސާމްޕަލްތައް ފިޔަވައި އެ ރަށުން ކޮވިޑަށް އިތުރު މީހެއްގެ ސާމްޕަލް ނަގާފައި ނުވެ އެވެ.
އެނގިފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވަބައިން ސަލާމަތްވުމަށް އެހީތެރިވެދޭ ރީހަބުން 10 މީހެއްގެ ސާމްޕަލް އެޗްޕީއޭއިން ނަގާފައިވެ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ތިން މީހެކެވެ.
މާލެ ތެރޭގައި ބަލި ފެތުރުން ފަހުން، ރީހަބަށް ބަޔަކު ގެންދިޔަކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެ އެވެ. ރީހަބަކީ ބޭރުން މީހުން ގޮސް ވަދެ ނުކުމެ އުޅޭ ތަނެއް ނޫނެވެ.
މިކަމާ ގުޅިގެން ރީހަބުގެ ބެލެނިވެރި ފަރާތް ޑްރަގު އެޖެންސީއިން އަދި އެއްޗެއް ނުބުނެ އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ރީހަބުގައި އަޅާފައި ފިޔަވަޅުތަކެއް ވެސް ހާމައެއް ނުކުރެ އެވެ. ރީހަބުގައި ގިނަ އަދަދެއްގެ މީހުން މިހާރު ވެސް ފަރުވާ ހޯދަމުންދެ އެވެ.