މުވައްޒަފުންގެ މުސާރަ ކަނޑެމާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން، ސަރުކާރުން އިއުލާނު ކޮށްފައިވާ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނު ނުލިބޭ ކުންފުނިތަކަށް، އެފަދަ ނިންމުންތައް ބަދަލުކޮށް ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި މުޅި ދުނިޔެއާއި ދިވެހި އިގްތިސޯދު ދަށްވެ މާލީ ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ.
އެ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރުން ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއެކު ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރާނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފާނަމަ މުވައްޒަފުން މަދު ނުކުރަން ކުންފުނިތަކަށް ޝަރުތު ކުރެ އެވެ.
އެންއީއޯސީގައި ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެސްޑީފީއެފްސީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން ރިޖެކްޓް ކުރި ފަރާތްތަކުގެ ތެރޭގައި، މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ކުޑަކޮށްފައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.
ނަމަވެސް، އެކަމުގެ ސަބަބުން ގިނަ ކުންފުނިތަކަކަށް ދަތިތަކާއި ކުރިމަތިވަމުން އަންނާތީ، ލޯނު ދޫކުރުމުގެ މައިގަނޑު ޝަރުތު ފުރިހަމަކުރަން އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން، ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމާއި، މުސާރަތައް ވެސް 5،000 ދިވެހި ރުފިޔާއަށް ވުރެ ކުޑަ ނުކުރާނަމަ އެ ކުންފުނިތަކަށް ލޯނަށް ހުށަހެޅޭނެކަމަށް އަމީރު ވިދާޅުވި އެވެ.
"އެފަދަ ކުންފުނިތަކަށް އިތުރު ފުރުސަތެއް ދޭން ނިންމީ އެ ކުންފުނިތަކަށާއި އެ ކުންފުނިތަކުގައި މުވައްޒަފުންނަށްވެސް ދަތިތަކާ ކުރިމަތިވަމުންދާކަމަށް ފެންނާތީ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަމީރު މިއަދު ހާމަކުރެއްވި ގޮތުގައި ބީއެމްއެލް މެދުވެރިކޮށް 83 ފަރާތަކަށް މިހާތަނަށް 109.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްޑީއެފްސީން 76 ފަރާތަކަށް މިހާތަނަށް 6.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ ސަޕޯޓެއްގެ ގޮތުން ކުރިން ދޭން ނިންމާފައިވާ 18،000 ރުފިޔާ މިހާރު 30،000 ރުފިޔާއަށް އިތުރު ކުރަން ނިންމާފައިވާކަމަށާއި، އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.