ކޮވިޑް-19 އާ ގުޅިގެން އެހީ ހޯދަން ކުރަމުންދާ މަސައްކަތުން މިހާތަނަށް، 290 މިލިއަން ޑޮލަރު ޔަގީން ކުރެވިފައިވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އެކި ދާއިރާތަކުން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ހޯދަން ކުރަމުންދާ މަސައްކަތުން މިހާތަނަށް 290 މިލިއަން ޑޮލަރު ޔަގީންވެފައިވާ ކަމަށާ، އަދި އިތުރު އެހީ ތަކެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބަޖެޓުގެ ހަރަދު ކުޑަ ކުރަން އެންމެ ގިނައިން ތަކެތި ގަންނަ އެސްޓީއޯ އަށް އައިޓީއެފްސީ އިން ކްރެޑިޓް ފެސިލިޓީއެއް ހޯދަން ވެސް ދަނީ މަސައްކަތް ކުރަމުން ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން. މީގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް [އޭއައިއައިބީ] އާއި އެހެން ފަރާތްތަކާ ވެސް ކޮމިއުނިކޭޓް ކުރަމުން އެބަދަން،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި އަދަދަށް އެހީ ލިބުނު ނަމަވެސް، އިތުރަށް 13 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ. އެކަމަށް މަސައްކަތް ތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަރަށް ވުރެ [200 މިލިއަން ޑޮލަރު] ގެ ފަންޑިން ގެޕަށް ވުރެ ބޮޑު އަދަދެއް ހޯދަން ޖެހޭ. އެކަމަކު އެއްވެސް ހާލެއްގައި ފައިސާ ނުލިބިގެންނެއް ނޫޅެން،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ރާއްޖެ އިން ހަ ޕަސެންޓުގެ އިންޓެސްޓުގައި ރާއްޖެ އިން އެއް ވެސް ލޯނެއް ނުނަގާނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުމަށް އެހީތެރިވުމުގެ ގޮތުން، އައިއެމްއެފުން ރާއްޖެއަަށް ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރު މިހާރު ވަނީ އެމްއެމްއޭ އަށް ލިބިފަ އެވެ. މީގެ އިތުރުން އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ތެރޭގައި ހިމެނޭ 150 މިލިއަން ޔޫއެސް ޑޮލަރު ވެސް ވަނީ އެމްއެމްއޭ އަށް ލިބިފަ އެވެ.