މާފުށީ ޖަލު

ގައިދީނަށް ފުޅައަޅާފައިވާ ކާއެއްޗެހި ދިން ކަަމަށް ބުނާ މައްސަލަ ބަލަނީ

މާފުށީ ޖަލުގައި ގައިދީންނަށް ފުޅައަޅާފައިވާ ކާނާ ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވީޑިއޯ އަކީ ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ފޮރުވާގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯއް ކަމަށް ބެލެވޭ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިއަދު މާފުށީ ޖަލުގައި ގައިދީނަށް ރޯދަވީއްލުމަށް ދިން ބައެއް އެއްޗެހީގައި ފުޅަ އަޅާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

އެކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން މިރޭ ބުނީ އެފަދަ ޝަކުވާއެއް ގައިދީންގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

"ގައިދީންނަށް ފުޅައަޅާފައިވާ ކާނާ ދޭކަމަށް ބުނެ މީޑިއާގައި ފަތުރާ ވީޑިއޯ އަކީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަދުވަހު ފޮރުވާގެން ނަގާފައިވާ ވީޑިއޯއެއް."

ހޯމް މިނިސްޓްރީން ބުނީ މި މައްސަލައާއި ގުޅިގެން ގައިދީންނާ ސުވާލުވެސް ކޮށްފައިވާ ކަމަށާ އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރު ކުރުމަށްޓަކައި ބެލުންތައް ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި ހޯމް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.