ޔޫރަޕްގައި ކޮރޯނާވައިރަހުގެ ކޭސްތައް މަދުވެ ކާވް ފްލެޓް ވާން ފަށާފައިވާއިރު ތަފާތު ގައުމުތަކުން ދަނީ ލޮކްޑައުން ނަގައި "ނިއު ނޯމަލް" އަށް ގައުމުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސުވާލަކީ ނިއު ނޯމަލް އިން އާދައިގެ ދިރިއުޅުމަކަށް އެއްވެސް ގައުމެއްގެ ރައްޔިތުންނަށް ދެން ބަދަލުވެވިދާނެ ބާއެވެ؟ ނޫނީ މި ވަބާއަށް ފަހު ވެސް ދުނިޔޭގެ ގައުމުތަކުގައި މީހުން ދިރި އުޅެނީ އަލުން ބަލި ފެތުރިދާނެ ކަމުގެ ބިރާ އެކުގައި ބާއެވެ؟
ފްރާންސްގައި ކޮރޯނާވައިރަހުގެ ނުރައްކާ ކުޑަވެ ސްކޫލްތައް ވެސް އަލުން ވަނީ ހުޅުވާފަ އެވެ. އަދި އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ސްކޫލްގައި ކުދިން ހޭދަކުރާ ހުރިހާ ވަގުތެއް ވެސް ސޯޝަލް ޑިސްޓެންސްގައި އުޅެވޭނެ އިންތިޒާމްތައް ހަމަޖައްސާފަ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުލޭ ވީޑިއޯއެއްގައި ފެންނަނީ ފްރާންސްގެ ޕްރައިމަރީ ސްކޫލެއްގެ ކުދިންތަކެއް ކުޅެން ނެރެފައި ތިބި ތަނެވެ. މި ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ކައިރި ވިޔަ ނުދިނުމަށްޓަކައި ކޮންމެ ކުއްޖަކުވެސް ހުންނަން ޖެހެނީ ކުރަހާފައިވާ ހަތަރެސްކަން ގޮޅިއެއްގެ ތެރޭގަ އެވެ.
ލޮކްޑައުން ނަގާ ގައުމުތަކުގައި ސްކޫލް ކުދިންނަށް އުޅެން ޖެހޭނީ މިފަދަ ގޮތަކަށް ކަން ފްރާންސްގެ ޓީވީ ޖާނަލިސްޓް ލައިނަލް ޓޮޕް ޓުވީޓް ކޮށްފައިވާ މި ވިޑީއޯއިން ޔަގީން ވެއެވެ. އަދި މިއީ މާ އަވަހަށް ރަނގަޅުވާނެ ހާލަތެއް ނޫން ކަން ވެސް ގަބޫލުކުރެވެ އެވެ.
މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވާ ގޮތުން މިއީ އެއް ކުއްޖަކާ އަނެއް ކުއްޖަކު ދުރުދުރުގައި ބައިތިއްބަން ޓީޗަރުން ކޮށްފައިވާ މަސައްކަތް ތަކެވެ. އެގޮތުން ކުޅެން ކުދިން ނެރޭ އިރުވެސް ކޮންމެ ކުއްޖަކަށް ވަކިން ގޮޅިއެއް ދީ އެ ގޮޅިތެރޭގައި ހުރެގެން އެ ކުއްޖަކު ނަށާ، ފުމެ، ހީނ، މަޖާކުރަން ޖެހޭ ގޮތަށް ހަމަޖެހިފައިވާކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ.
މި ވީޑިއޯ އަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ ކުދިން ވެސް މިއީ އެ ކުދިންނަށް ދީފައިވާ އަދަބެއްގެ ގޮތުގައި ނުދެކޭކަން ވީޑިއޯ ބަލާލުމުން ޔަގީންވާ ކަމަށެވެ.
ބޮޑެތި މީހުންނަށް އަދިވެސް ސޯޝަލް ޑިސްޓެންސިން އަކީ ކޮބައިކަމާއި އެކަމުގެ މުހިއްމުކަން ވިސްނޭލެއް މާ ކުޑަ އެވެ. ނަމަވެސް ކުޑަކުދިން މިހާރުއްސުރެ އެގޮތަށް އުޅެން ދަސްކޮށްފިކަމަށް ވީޑިއޯއަށް ކުރި ކޮމެންޓްތަކުގައި ވެއެވެ.
ކޮވިޑް-19 އަށް އެކަށީގެންވާ ފަރުވާއެއް ނުހޯދި ގިނަ ދުވަސްތަކެއް ވެއްޖެނަމަ މީހުންނާ ދުރުދުރުގައި އުޅެން ބޮޑެތި މީހުން ފަރުވާ ނުބަހައްޓާނެ ކަމަށާއި ކޮންސެޓްތަކާއި ސިނަމާތައް ފަދަ މީހުން ގިނައިން އެއްވާ ތަންތަނަށް ގޮސް މަޖާކުރުމަށް އެމީހުން ޖެހިލުމެއް ނުވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އަދި މިގޮތަށް ކަންތައް ކުރަން ފަށައިފިނަމަ އަނެއްކާވެސް މި ވަބާ އެނބުރި އައުމުގެ ނުރައްކާ ކުރިމަތިވާނެކަމަށް ދެކޭ މީހުން ވެސް ގިނަ އެވެ.