ކޮރޯނާވައިރަހުގެ ބޮޑުވަބާއެއް ދުނިޔެއަށް ކުރިމަތިވެފައި ވާއިރު ހުރިހާ އެންމެންގެ ވެސް ދުއާ އަކީ މި ވަބާ ދުނިޔެއިން ފޮހެވިގެން ދިއުމެވެ. ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެން ވެސް މިހާރު ތިބީ މި ބަލިން ދުނިޔެއަށް ސަލާމަތް ވެވޭނެ ދުވަހެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެނެވެ. އަދި ލޮކްޑައުން ނިމުމުން އަލުން ޝޫޓިންގްތައް ފަށާނެ ގޮތްތަކެއް މިހާރު ވެސް އެމީހުން ދަނީ ރާވަމުންނެވެ.
ކޯރިއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ އެންމެ ބޮޑު ފިކުރަކީ ބެކްގްރައުންޑް ޑާންސަރުންގެ ގޮތުގައި މަސައްކަތްކުރާ އެތައް ހާސް ބަޔެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ. ޝޫޓިންތައް ފެށުނަސް ބެކްގްރައުންޑް ޑާންސަރުންނަށް އެހާ އަވަހަށް މަސައްކަތް ލިބޭނެ ކަމަށް ނުފެންނާތީ އެވެ. އެހެންވެ މިހާރު މަސައްކަތެއް ނެތިފައި ތިބި ބެކްގްރައުންޑް ޑާންސަރުންނަށް އޭނާއަށް ވެވުނު އެހީއަށް ވެދޭން ރެމޯ މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.
"ސްޓްރީޓް ޑާންސާ"ގެ ޑައިރެކްޓަރު ރޭމޯ އިންޑިއާ އޮންލައިން ނޫހަކާ ވާހަކަ ދައްކަމުން ބުނީ ފިލްމު ސެޓުތަކުގައި މަސައްކަތް ފެށުނު ކަމުގައި ވިޔަސް ބެކްގްރައުންޑް ޑާންސަރުންނަށް މަސައްކަތެއް ލިބެން އަދި ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް ފެންނަ ކަމަށެވެ.
ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ދޭން ޖެހޭނެތީ މާ ގިނަ ނެށުންތެރިން އެއްފަހަރާ ސެޓުތަކުގައި ނުގެންގުޅެވޭނެ ކަން ވެސް އޭނާ ފާހަގަ ކުރި އެވެ. ރޭމޯ ބުނީ ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ދީގެން ނެށުންތެރިން ލައްވާ މަސައްކަތް ކުރާނެ ގޮތްތަކެއް މިހާރު އޭނާ ވަނީ ވިސްނާފަ އެވެ.
އަދި ހާލުގައި ޖެހިފައިވާ ބެކްގްރައުންޑް ޑާންސަރުންނަށް އެހީވުމަށް ފައިސާ ހޯދުމަށް ޚާއްސަ ޝޯއެއް ވެސް ރޭމޯ މިހާރު ގެންދަނީ އިންތިޒާމު ކުރަމުންނެވެ.
ރޭމޯ ބުނީ މި ޝޯގެ ހުރިހާ ޕާފޯމަންސެއް ވެސް ރެކޯޑް ކުރާނީ އެ މީހަކު ނުވަތަ ބަޔަކު ދިރިއުޅޭ ގެއެއްގަ އެވެ. އަދި މި ޝޯގައި ހުރިހާ ކޯރިއޯގްރާފަރުން ވެސް ބައިވެރިވާނެކަން އޭނާ ފާހަގަ ކުރި އެވެ.
މުޅި އިންޑިއާ އަށް ހުޅުވާލައިގެން ބާއްވާ އޮންލައިން ޑާންސް ކޮމްޕެޓިޝަނެއް މިހާރު ވެސް ރޭމޯ ކުރިޔަށް ގެންދެ އެވެ. "ޑެންޒް ސްޓޭޝަން"ގެ ނަމުގައި ކުރިޔަށް ގެންދާ މި އޮންލައިން ޝޯގެ މިހާރު ކުރިޔަށް ދަނީ ދެ ވަނަ ބުރެވެ. މި ޝޯގެ ބައިވެރިން ވެސް ޕާފޯމަންސްތައް އަމިއްލަ ގޭގައި ރެކޯޑް ކޮށްފައި ފޮނުވައިގެން ޝޯގައި ދަނީ ބައިވެރިވަމުންނެވެ.
ޝޯގެ އެއްވަނަ އަށް 50،000 ރުޕީސްގެ އިނާމެއް ވެސް ރޭމޯ ވަނީ ހުށަހަޅާފަ އެވެ.
ލޮކްޑައުންގެ ކުރިން ރޭމޯ ވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަހްމަޝްތުރާ"ގެ ދެ ލަވައެއް ކޯރިއޮގްރާފް ކޮށްދީފަ އެވެ.