ބޭރު ކުޅިވަރު

ޗެލްސީން އާސެނަލް ބަލިކޮށްފި، ވެންގާގެ ރުޅި ރެފްރީންނަށް

Sep 19, 2015

އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް އަތުން 2-0 އިން ޗެލްސީ މިރޭ މޮޅުވިއިރު އާސެނަލްގެ ކޯޗު އާސެން ވެންގާ ރެފްރީ އަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޑިފެންޑަރު ކާޓް ޒޫމާ އާއި އެޑެން ހަޒާޑް ލަނޑު ޖެހި މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ އާސެނަލްގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކިއިރު ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާ އަކީ ދެ ފަހަރެއްގެ މަތިން ދަނޑުން ފޮނުވާލަންޖެހިފައިހުރި ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން މިއަދު [ރެފްރީ] މައިކް ޑީންދެކެ މިހުރީ ހިތްހަމަނުޖެހިފައި. ދެފަހަރެއްގެ މަތީން ކޯސްޓާ ދަނޑުން ފޮނުވާލަންޖެހޭ. އޭނާ ކުޅުންތެރިއެއްގެ މޫނުމަތީގައި ވެސް ޖެހި. ކޮންމެ މެޗެއްގައި ވެސް އޭނާ އެފަދަ ކަމެއް ކުރޭ. އެކަމަކު ސަލާމަތްވެގެން ހުންނަނީ ރެފްރީގެ ފެންވަރު ދަށްކަމުން. އަހަރުމެންނަށް އެނގޭ މެޗު ފެށުނުއިރު އޭނާ އެކަހަލަ [ގޯސް] ކަމެއް ކުރާނެކަން،" ވެންގާ ބުންޏެވެ.

އޭނާ އަދި ބުނީ އާސެނަލަގެ ގަބްރިއަލް އަށް ރަތްކާޑު ދައްކާވަރުގެ ކުށެއް އޭނާ ނުކުރާ ކަމަށެވެ. އަދި  ސަންތި ކަޒޯލާއާއެކު އާސެނަލް ދެ ކުޅުންތެރިން ދަނޑުން ފޮނުވާލާފައި ކޯސްޓާ ދަނޑުމަތީގައި ހުރުމަކީ ލަދުވެތިކަމެއް ކަމަށެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗުން މޮޅުވުމުގެ އެންމެ މުހިންމު ދައުރު އަދާކޮށްދިނީ ކޯސްޓާ ކަމަށެވެ.

"ރަތްކާޑު ދެއްކި ކުޅުންތެރިންނާމެދު އަހަރެންގެ ހިޔާލެއްނެތް. ހަމަ ޔަގީން މި މެޗުގެ މޭން އޮފްދަ މެޗަކީ ކޯސްޓާ. އޭނާ މެޗުން މޮޅު ކޮށްދިނީ. މިއީ ރަނގަޅު މޮޅެއް. ތިން ދުވަސް ތެރޭގައި އަހަރުމެން ދެ މެޗުން މި މޮޅުވީ. އަހަރުމެން ބޭނުންވަނީ މެޗުތަކުން މޮޅުވަން. އަދި އަހަރުމެން މޮޅުމިވީ ގޯލެއްވެސް ނުވަދެ. އަހަރުމެން މެޗު ކޮންޓްރޯލްކުރީ ވެސް،" މި ސީޒަނުގައި އަޑިއަޅާލާފައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

މި މެޗުން މޮޅުވުމުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވަނީ ހަ މެޗުން ހަތް ޕޮއިންޓާއެކު 13 ވަނަ އަށް ކުރި އަށް ޖެހިލައިފަ އެވެ. އާސެނަލް އޮތީ ހަ މެޗުން 10 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.