ވިޔަފާރި

އުރީދޫން ރާއްޖެއަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފި

May 17, 2020

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ގަތަރު އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

އުރީދޫގެ މި އެހީތެރިކަން ހަވާލުކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާނެވެ. ހަވާލު ކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ބޭއްވި އޯޑިއޯ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުރީދޫގެ އެމްޑީ ނަޖީބް ޚާން ވިދާޅުވީ މި އެހީއަކީ ރާއްޖެ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދަން ދިން އެހީއެއް ކަމަށެވެ.

"އުރީދޫއަކީ އަބަދު ވެސް ދިވެހިންނާއެކު ތިބި ބަޔެއް. ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫން ދަނީ މިހާލަތުގައި ރައީސް އޮފީހާއި އެންއީއޯސީ އަދި އެޗްޕީއޭ އާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.