ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މިފަހަރު އީދު ވެސް ތަފާތު ވާނެ!

ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު މި އަަހަރުގެ ތަފާތު ރޯދަމަސް ނިމެންގޮސް އީދާއި ކައިރިވީ އެވެ. އީދުވެސް މިފަހަރު މި އޮތީ ތަފާތުކޮށެވެ. އީދު ނަމާދު ބޮޑު ޖަމާއަތް ހަދައިގެން ކުރުމެއް ނެތެވެ. އީދު ނަމާދަށްފަހު ގޭގެ އެއްމެން އެއްކޮށް އެއްގެއަކަށް ޖަމާވެ އީދު ބޯކިބާ ފެޅުމެއް ނެތެވެ. އީދު ފަހަގަ ކުރަން ރަށަށް ދެވޭކަށް ވެސް ނެތެވެ. އީދު މާއްޔާއި އީދު ފެންކުޅިއެއް ވެސް ނެތެވެ. މަޑުމަޑުން އަހަރުމެންގެ އީދު ފާހަގަ ކުރުމުގެ ސަގާފަތަށް އައިސް ވަދެފައިވާ ސީކްރެޓް ފްރެންޑް ކުޅުމެއް ނެތެވެ. ނަމަވެސް އަހަރުމެންނަށް އީދު ފާހަގަ ކުރެވެން ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

ފިތުރު ޒަކާތް ދައްކައިފިންތަ؟

ރޯދަމަސް ނިމެންކައިރިވެ އީދާއި މިހާ ކައިރިވެފައިވާ އިރު ފިތުރު ޒަކާތް އަދި ނުދައްކާ ނަމަ މިއީ ފިތުރު ޒަކާތް ދައްކަންވީ ވަގުތެވެ. މި އަހަރުގެ ރޯދަމަސް މި ދަނީ ދަތި އުދަނގޫކޮށެވެ. އެތައް ބަޔަކު ބަނޑުހައި ހޫނުކަންމަތީގައި ވެއެވެ. ފިތުރު ޒަކާތް ދެއްކިއަސް އަތުގައި ފައިސާ ހުރިނަމަ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެކި އެކި ޖަމާއަތްތަކަށް އެހީއެއް ދެވިދާނެ އެވެ. މި އީދު މިއީ މި ގޮތަށް އެހީތެރިވާ އީދު ގޮތުގައި ހަދާލަން ސަޅި ވާނެ އެވެ.

އީދު ހެދުމުގެ ބަދަލުގައި އޮތް އެންމެ ރީތި ހެދުމެއް

ގޭ އެއްމެން އެއް ފޮއްޗަކުން ފަހައިގެން އީދު ހެދުން މިހާރު ލައި ނޫޅުނަސް އަދިވެސް އީދަށް އާ ހެދުން ހޯދަ އެވެ. މިފަހަރު އީދު ހެދުމެއް ހޯދުމަށް އުނދަގޫ ވެދާނެ އެވެ. އަތުގައި އޮތް އެންމެ ރީތި ހެދުމުން މިފަހަރު ފަރުޖައްސާލަންވީ އެހެން ވެއެވެ. އަލަމާރީގައި އެއްފަހަރު ލާފައި ދެން ލައިގެން ދާނެ ތަނެއް ނެތް ކިތައް ހެދުން އެބައޮތްތަ؟ މާ ޖަރީވެގެން ނޫނީ ކައިވެނި ޕާޓީގެ ކުލަ ނޫން ކުލައެއް ވީމަ ނުލައި ބަހައްޓާފައި ހުރި ހެދުންތަކުން ހެދުމެއް ނަގާ ލާންވީ މިފަހަރު އެވެ. ހިތްތިރިކޮށްލާ އޮތް އެއްޗަކުން ފުއްްދާލަންވީ އެވެ.

ކުދި ވިޔަފާރިއަށް އެހީވާންވީ

ކުދި ވިޔަފާރިތަކަކީ އަހަރުމެންގެ އިގްތިސޯދުގައި ބޮޑުބައެއް އަދާ ކުރަ ބަޔެކެވެ. މިގޮތުން ކަންމަތީ ފިހާރަތަކަށްވުރެ ވެސް ކުދި ވިޔަފާރިތަކައް ހުރެއެވެ. އަހަރުމެންގެ ތެރޭގައި އޮންލައިންކޮށް އެކި އެކި އެއްޗެހި ވިއްކާ ފަރާތްތަކެކެވެ. މި އީދުގައި މީހަކަށް ހަދިޔާ ދޭނަމަ މިކަހަލަ ޕޭޖަކުން އެއްޗެއް ގަނެލުން ރަނގަޅުވާނެ އެވެ. އީދު ޝޮޕިން ހަދަން ނުދެވުނަސް ކޮންމެހެން މީހަކަށް ހަދިޔާއެއް ދޭން ބޭނުންނަމަ މިކަން ކޮށްލަންވީ އެއީ އެ މީހުންނަށް ވެސް އާމްދަނީއެއް ލިބޭނެތީ އެވެ.

އާއިލާއަށް ވީޑިއޯ ކޯލް

އީދު ދުވަހަކީ ވަރަށްވެސް ބޮޑަށް އާއިލާއާއެކު ހޭދަކުރާ ވަގުތެކެވެ. ރަށުގައި ތިބިއާއިލާގެ މީހުންގެ ގާތަށް ނުދެވިދާނެ އެވެ. ނަމަވެސް، އެމީހުންނަށް އީދުގެ ތަހުނިޔާ ފޮނުވުމަށް ވީޑިއޯކޯލް ކުރަންވީ އެވެ. އީދު ހެދުން ދައްކާލަންވީ އެވެ. އީދު ދުވަހުގެ ރޫހު އޭރުން އިހުސާސް ކުރެވޭނެ އެވެ.

އީދު ކެއުން

މި އަހަރު އީދު ދުވަހު އަހަރުމެންނަށް އަބަދުވެސް ހާއްސަވާ މެންދުރު ކެއުން އެހެން އަހަރުތަކަށްވުރެ ތަފާތު ވެދާނެ އެވެ. އާއިލާ އެއްމެން އެއް މޭޒުދޮށަށް ކާން ނާދެވިދާނެ އެވެ. އަދި މާ ގިނަ ވައްތަރުތަކެއް ސުފުރާގައި ނުހުރެދާނެ އެވެ. ދުރުގައިވާ ލޯބިވާ އާއިލާ މީހަކަށް ކެފޭއަކުން މީރު ފޮނި އެއްޗެއް ހަދިޔާކޮށްލުން ކިހިނެއްވާނެބާ މިއީދުގަ؟

އީދު ފާހަގަ ކުރުމަށް އީދު ބެނާއެއް

އީދު ދުވަހުގެ ހާއްސަކަމާއި އުފަލުގައި ކުދިން ބައިވެރި ކުރުމަށް އެ ކުދިންނާއެކު ކްރާފްޓް މަސައްކަތް ކޮށްލުމަކީ މި ލޮކްޑައުންގައި ކޮށްލަން ސަޅި ކަމެކެވެ. މިގޮތުން އެކުދިން ގޮވައިގެން ގޭގެ ފާރުގައި ހިއްޕާލަން އީދު ބެނާއެއް ތައްޔާރު ކުރެވިދާނެ އެވެ. އަދި ގޭތެރޭ ޒީނަތްތެރިކޮށްލާ ދުވަހަށް ހާއްސަ ކޭކެއް ގޭގައި އަޅާލާ އުފާވެރި ވަގުތެއް ހޭދަކޮށްލެވިދާނެއެވެ.

އީދު ފާހަގަ ކުރުމަށް މާ ބޮޑު ކަމެއް ނުކުރިޔަސް މިކަހަލަ ކުދި ކަންކަން ކޮށްގެން އީދުގެ ރޫހުގެނެވިދާނެ އެވެ. އެކަކު އަނެކަކަށް އެހީތެރިވެ އުފާވެރިކަން ހޯދައި ދެވިދާނެ އެވެ.