ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ފޯނު ސާފު ކޮށްލައިފިންތަ؟

ގުމްރީ އެއް ދުވެގެން ދާހެން ލޯބިވެރިޔާ މުށުން ދޫވެދާނެ އެވެ؛ އެކަމަކު ފޯނަކީ މުށުން ދޫ ނުވާނެ އެއްޗެެކެވެ. މިއީ މިހާރު އަހަރުމެންގެ އާދެ އެވެ. އަތުގައި ފޯނު ނޯންނާނީ ވަރަށް ކުޑަ އިރުކޮޅަކަށެވެ. ފާހަނާއަށް ވަންނަ އިރު ވެސް ގެން ގުޅޭ މޮޅު އަގު ބޮޑު ފޯނު މުށުން ދުލެއް ނުވެއެވެ. ނިދަން އެނދުގައި އޯށޯންނަނީ ވެސް ފޯނާއި އެކު އެވެ. ނިދައި ހޭލައިގެން އެންމެ ފުރަތަމަ ނަގާ އެއްޗަކީ ވެސް ފޯނެވެ. ރޯދަވީއްލަން ކައްކަމުން ނުވަތަ ހެދިކާ ހަދާ މަސްގަންޑެއް މޮޑެލަމުން ވެސް ފުރަތަމަ އެއްކަލަ ސޯޝަލް މީޑިއާ ދޫކޮށްލާ ފޮޓޯ ނަގާލަނީ ވެސް ފޯނުންނެވެ. ކެއުމުގެ ކުރިން ފޮޓޯއެއް ނަގަނީ ފޯނުންނެވެ. ދަރިފުޅު ނުކައިގެން ޔޫޓިއުބް އަޅުވާލާ ދިއްކޮށްލަނީ ވެސް އެ ފޯނެވެ. އެއްޗަކީ ދުނިޔެއަކީ ފޯނެވެ.

ފޯނަކީ އަހަރުމެން ވަރަށް ގިނައިން އަތްލާ އެއްޗަކަށް ވުމުން ފޯނުގައި ތަފާތު އެކިކަހަލަ ޖަރާސީމު ވެސް އެކުލެވޭނެ އެވެ. ކޮވިޑް-19 ކަހަލަ ބަލިމަޑުުކަމެއް އަހަރުމެންގެ ތެރޭގައި ބާރަށް ފެތުރޭއިރު މުށުން ދޫ ނުކޮށްލެވޭ ފޯނަކީ ފަހަރުގައި ވައިރަސް ހަރުލާފައިވާ "ހައިރިސްކް" އެއްޗަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ފޯނަކީ އަހަރުމެން މޫނާއި އަނގަ އާއި ޑައިރެކްޓް ކޮންޓެކްޓްވާ އެއްޗެއްކެވެ.

ވައިރަހުން ސަލާމަތްވުމަށް އަތް ދޮވެފައި ވެސް ޖަރާސީމުން ފުރިފައިވާ ފޯނެއްގައި އަތްލުމުން އަނެއްކާ އަތް ނުތާހިރުވީ އެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާ އެއް ފިޔަވަޅު ކަމުގައި ވާންވީ އަހަރުމެން މި ގެންގުޅޭ ފޯނު ރަނގަޅަށް "ދޮވެ ސާފު" ކުރުމެވެ.

ފޯނު ސާފުކުރާނީ ކިހިނެއް؟

ފޯނު ސާފުކުރުމަށް ބްލީޗް ފެނަށް ފޯނު ލުމަކީ ފޯނަށް ގެއްލުން ވާނެ ކަމެކެވެ. ކޮންމެސް އެހެން ނުހަދައްޗެވެ. ފޯނު ސާފު ކުރުމަށް ތިރީގައި މިވާ ގޮތަށް އަމަލު ކުރާށެވެ.

1
 

ފުރަތަމަ ޑިސްޕޯސަބަލް އަންގިއެއް ލައްވާށެވެ. އަންގި ނެތް ނަމަ ފޯނު ސްވިޗް އޯފްކޮށްލާ ކަވަރު ނައްޓާލައި ރަނގަޅަށް ފޮހެލާށެވެ.

2
 

ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެލާށެވެ.

3
 

އެއަށްފަހު ތާފަނާ ފެނަށް ކުޑަ ސައިބޯނިކޮޅެއް އެޅުމަށްފަހު މައިކްރޯފައިބާ ފޮތިކޮޅަކުން ނުވަތަ އައިނު ފޮހޭ ފޮތިކޮޅަކުން ރަނގަަޅަށް ފޯނު ފޮހެލާށެވެ. މިގޮތަށް ކަންތައް ކުރާއިރު ޗާޖް ޕޯޓަލް، މައިކް އަދި ސްޕީކަރަށް ފެން ނޭޅޭގޮތަށް ސާފު ކުރާށެވެ.

4
 

އެއަށްފަހު ފޯނު ރަނގަޅަށް ޓިޝޫއަކުން ފޯނު ހިއްކާލާށެވެ.

މި ގޮތަށް ފޯނު ސާފު ކޮށްލުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އަދި މާ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމެއް ވެސް ނޫނެވެ. މި ދުވަސްވަރު ފޯނު ގެންގުޅުމާއި ގުޅޭ ބައެއް އާދަތައް ބަދަލު ކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މިގޮތުން ފޯނު ފޮޓޯއެއް ނެގުމަށް ފަހު އެ ފޮޓޯ އެހެން މީހަކަށް ދެއްކުމަށް ފޯނު އެކަކު އަނެކަަކުގެ އަތްމަތިން ބަދަލު ކުރުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ފޮޓޯއެއް ފޮނުވާލާށެވެ. ފިހާރައަކަށް ދާ ނަމަ ބޭރުން އައިސް ވެސް ފޯނު ސާފު ކޮށްލުން ރަނގަޅު އެވެ. ފޯނު މޫނާއި ދުރު ކުރުމަށް ހެޑްސެޓް ނުވަތަ ބުލޫޓޫތް ޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ އެވެ.

ފޯނު ސާފުކުރާގޮތް ދައްކަން ދިރާގުން އާއްމުކޮށްފައިވާ ވީޑިއޯއެއް