ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރަން އަޅަމުންދާ ފިިޔަވަޅުތަކާއެކު، ސަރުކާރުގެ މުވައްޒަފުންގެ ރިކަންޓް ހަރަދުތައް ދަށަށް ދާން ފަށައިފި އެވެ.
ސަރުކާރުން ކޮންމެ އަހަރެއްގެ އެކުލަވާލައި ބަޖެޓުގައި ވެސް އެންމެ ބޮޑު ހަދަރެއް ކުރަން ޖެހެނީ ރިކަރަންޓް ހަރަދުތައް ހަމަޖައްސާށެވެ. ބައެއް އަހަރުތަކުގައި ރިކަރަންޓް ހަރަދުތަކަށް ބަޖެޓުގައި ހިމަނާ އަދަދަށްވުރެ ގިނައިން ވެސް ހޭދަ ކުރަން ޖެހިފައި ވެސް ވެއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތް ވަނަ ދުވަހު ނެރެފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، ސަރުކާރު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިހާތަނަށް ހޭދަ ކޮށްފައި ވަނީ 6.1 ބިލިއަން ރުފިޔާ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 6.2 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ސަރުކާރު މުވައްޒަފުންގެ މުސާރައަށް މި އަހަރުގެ ބަޖެޓުގައި 22 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ވަކިން ބަލާނަމަ ދަށަށް ދިޔަ ނަމަވެސް، ކެޕިޓަލް ހަރަދުތައް ހިމަނައިގެން ބެލުމުން އެ އަދަދުތައް މަތިވެ އެވެ.
ރިޕޯޓުގައިވާ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް އެލަވަންސް ދިނުމަށްޓަކައި މި އަހަރުގެ މި މުއްދަތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. ސަރުކާރު މުވައްޒަފުންނަށް އެލަވަންސް ދިނުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. އަދި މުސާރަ އާއި އިނާޔަތް ދިނުމަށް ހޭދަކުރި އަދަދު ވަނީ 1.5 ބިލިއަން ރުފިޔާ އިން 1.4 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
ސަރުކާރު މުވައްޒަފުންނަށް ކުރާ ހަރަދުތަކުގެ ތެރެއިން ޕެންޝަނާއި ރިޓަޔާ ކުރާ މުވައްޒަފުންނަށް ދޭ ޕެންޝަން އަދި ރިޓަޔަމަންޓް ބެނިފިޓަށް ކުރި ހޭދަ ވަނީ މަތިވެފަ އެވެ. މި އަހަރުގެ ބަޖެޓުގައި ޕެންޝަނާއި ރިޓަޔަމަންޓް ބެނިފިޓް ދިނުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރިޓަޔަމަންޓް ޕެންޝަން ބެނިފިޓް ދޭން 519 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 512 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކާއި މިނިވަން މުވައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. މި ކުޑަކުރުމާއެކު ބަޖެޓުން 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރިނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ.