ސިއްހަތު

ހޮންކޮންގްގައި މީދަލުން އިންސާނުންނަށް ހެޕަޓައިޓިސް ވައިރަސް އަރަނީ

ހޮންގް ކޮންގްގައި ހެޕަޓައިޓިސް ވައިރަސްގެ އާ ސްޓްރެއިން އެއް މީދަލުގެ ޒަރިއްޔާއިން އިންސާނުންނަށް އަރަމުންދާތީ ސައިންސްވެރިން ހައިރާން ވެއްޖެ އެވެ. ސަބަބަކީ ވައިރަސް މީދަލުން އިންސާނުންނަށް ޓްރާންސްމިޓް ވުމަކީ ސައިންސް ބުނާ ގޮތުން އެހާ ފަސޭހާއިން ވާނެ ކަމެއް ނޫން ވީމަ އެވެ.

ހެޕަޓައިޓިސް އީ ވައިރަސް، ނުވަތަ ރެޓް އެޗްއީވީގެ ފުރަތަމަ ކޭސް ހޮންގް ކޮންގް އިން ރިޕޯޓްކޮށްފައިވަނީ 2018 ގައެވެ. އޭގެ ފަހުން 10 މީހުންނަށް މިގޮތަށް ވައިރަސް އަރާ އިންފެކްޓްވެފައިވާ ކަމަށް ސީއެންއެން އިން ބުނެފައި ވެއެވެ.
އެންމެ ފަހުން މިގޮތަށް ހެޕަޓައިޓިސް އީ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވަނީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު އެވެ. މި މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ލިވާ ފަންކްޝަންތައް ރަނގަޅު ނުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިތުރަށް ޓެސްޓް ކުރުމުންނެވެ. މިއީ 61 އަހަރުގެ ފިރިހެނެކެވެ.

އިންސާނުންނަށް މި އިންފެކްޝަން މިގޮތަށް އަރަނީ ކީއްވެގެން ކަން ސައިންސްވެރިންނަކަށް އަދިވެސް ނޭނގެ އެވެ. އެންމެ ފަހުން މި ފެނުނު 61 އަހަރުގެ މީހާގެ ކޭސް ސައިންސްވެރިން އިތުރަށް ހައިރާންކޮށްލީ މި މީހާ ދިރިއުޅޭ ގެޔާއި އެ ސަރަހައްދުން ވެސް މީދަލެއް ނުވަތަ މީދަލުގެ ނަޖިހެއް އެއްގޮތަކަށް ވެސް ފެނިފައި ނެތީމަ އެވެ. އަދި އެ މީހާ އެއްވެސް ތަނަކަށް ދަތުރު ނުކުރާތާ ވެސް ގިނަ ދުވަސްތަކެއް ވެފައި ވާތީ އެވެ.

މި މީހާގެ ގޭގައި މީދަލުގެ އެއްވެސް ނިޝާނެއް ނެތި އަދި އެ ގޭގައި ދިރިއުޅޭ އެހެން އެއްވެސް މީހަކަށް މި ބަލި ޖެހިފައި ނުވާއިރު މި މީހާ އަށް ބަލި ޖެހުނު ގޮތެއް ހޯދުމުގައި ސައިންސްވެރިން ވަނީ ނުކުޅެދިފަ އެވެ.

"އަހަރެމެންނަށް އެނގޭހާ ވެސް އެއްޗަކީ މި ވައިރަސް ހުންނަނީ ހޮންގް ކޮންގްގައި ދިރިއުޅޭ މީދަލުގައި ކަން. އަހަރެމެން އިންސާނުންގެ ޓެސްޓްކުރިއިރު އެ ވައިރަސް އިންސާނުންގެ ގައިން ވެސް ވަނީ ފެނިފަ. ނަމަވެސް މީދަލުގެ ގައިން އިންސާނުންގެ ގަޔަށް މި ވައިރަސް ފުންމައިގެން ގޮސްފައިވަނީ ކިހިނެއްކަމެއް ނޭނގެ. އިންސާނުން ކައި އުޅޭ ކާނާއަށް މީދާ އެރި އެ ކާނާ ތަޣައްޔަރުވެފައި ހުރީ ކަމެއް ނުވަތަ އެހެން ޖަނަވާރެއް ވެސް މިކަމުގައި ޝާމިލުވާކަމެއް ވެސް ސާފެއް ނުވޭ،" ޔުނިވަސިޓީ އޮފް ހޮންގް ކޮންގްގެ މައިކްރޮބައޮލޮޖިސްޓް ޑރ. ސިދާރްތު ސްރީދަރް ވިދާޅުވިކަމަށް ސީއެންއެންގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މި ވައިރަސް އިންސާނުންގެ ގަޔަށް އަރާ ބަލި ޖެހުމުން ހުން އައިސް، ޖޯންޑިސް ޖެހި އަދި ލިވާއަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ. މިއީ ހަށިގަނޑު ނާޒުކު ހާލަތުގައިވާ މީހުންގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި މޭ ނުބައިކުރުމާއި ހޮޑުލެވުން އަދި ޖޯންޑިސް (ލޮލާއި ގައިގެ ހަމަށް ރީނދޫކުލަ އެރުން) އަދި ހުޅުތަކުގައި ރިއްސުން ހިމެނެ އެވެ.

ބައެއް މީހުންނަށް ބަލި ޖެހިފައި ކުޑަކޮށް އަލާމާތްތައް ފެނިފައި ރަނގަޅުވިޔަސް ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޮޑުވަރުވެ އެވެ.

ހޮންކޮންގް ފިޔަވައި ރެޓް އެޗްއީވީ ޖެހިފައިވާ މީހަކު ފެނިފައިވަނީ 2019 ވަނަ އަހަރު ކެނެޑާ އިންނެވެ. އެ މީހާއަކީ ބަލި ޖެހުމުގެ ދުވަސްކޮޅެއް ކުރިން އެފްރިކާގެ ގައުމަކަށް ދަތުރުކޮށްފައި ހުރި މީހެއް ކަމަށް ސީއެންއެން ރިޕޯޓުގައި ވެއެވެ.
މި އިންފެކްޝަން އިތުރަށް އިންސާނުންނަށް ނުފެތުރެނީސް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑރ. ސްރީދަރް ވިދާޅުވި އެވެ.

ހެޕަޓައިޓީސް އަކީ ލިވާގެ އިންފްލެމޭޝަން އެކެވެ. އަދި ހެޕަޓައިޓިސް އީ އަކީ ހެޕަޓައިޓީސް އީ ވައިރަސް އިން ލިވާ އަށް ޖެހޭ އިންފެކްޝަނެކެވެ.