ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އައިޓީއެފްސީ އިން އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

May 18, 2020
1

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ސާމާނު ހޯދުމަށް، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯ އަށް 15 މިލިއަން ޑޮލަރު (232 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

އެސްޓީއޯ އިން ބުނީ އިމަޖެންސީ ފައިނޭންސިންގެ ސަބަބުން މި ހާލަތާ ގުޅިގެން، ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރާ އާލާތްތައް ކަމުގައިވާ "އިމީޑިއަޓް ލައިފް-ސޭވިން ފްރަންޓް ލައިން ޕާސަނަލް ޕްރޮޓެކްޓިވް މެޑިކަލް އިކުވިޕްމަންޓް" ހޯދުމަށްޓަކައި ވެސް މާލީ އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އައިޓީއެފްސީ އިން ވަނީ މި ހާލަތުގައި އެހީވުމަށްޓަކައި 300 މިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. މި އެހީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެކެވެ.

އައިޓީއެފްސީ ގެ ފައިނޭންސް އަދި ގްރާންޓް ގެ އެހީއާއެކު އެސްޓީއޯ އިން ކާޑާއި ބޭހާ އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕީޕީއީތައް ހޯދަން ފަސޭހަ ވެގެންދާނެ އެވެ.

އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެ އިން ވަރަށް ދުރާލާ ތައްޔާރުވާން ފަށާފައިވާ ކަމަށާއި، މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހެދި، ނޭޝަނަލް ރެސްޕޯންސް ގައިޑްލައިން އާއިއެކު ހެލްތް އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީ އެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވައިރަސް އަށް ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޓީއެފްސީ އިން އެސްޓީއޯ އަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން، ރިސްކްތައް ދެނެގަތުމަށާއި ސްކްރީން ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އައިޓީއެފްސީން މީގެ ކުރިންވެސް އެސްޓީއޯއަށް މި ފަދަ ފައިނޭންސިން ދީފައިވެ އެވެ. އެ ޖަމިއްޔާއިން ވަނީ 2017 ވަނަ އަހަރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފަ އެވެ.