ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އީދު ނަމާދު ގޭގައި ކުރަން އަންގައިފި

May 18, 2020

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާތީ، މި ފަހަރު އީދު ނަމާދު ވެސް ގޭގައި ކުރަން ނިންމައި، އެކަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަކީ އިސްލާމް ދީނުގެ ވަރަށް މަތިވެރި ޝިއާރެއް ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެކަން ކުރުން މިވަގުތު ރަނގަޅު ނޫން ކަމަށެވެ. މިފަދަ، ޝަރުއީ އުޒުރެއްގެ ސަބަބުން، އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއިމު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ނަމާދު ގާއިމު ކުރުން ޝަރުއުވެގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެ ނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވޭ،" އެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ގޭގައި ވެސް އީދު ނަމާދު ކުރާނީ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އެ ނަމާދު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އީދު ނަމާދުގެ ހުތުބާއަކީ ހާކިމާގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، ގޭގައި އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލަ އެވެ. އަދި ގޭގައި އީދު ނަމާދު އެކަނި ވެސް ކުރެވޭނެ ކަމަށާއި ނަމަވެސް ގޭގެ މީހުންނާއެކު ޖަމާއަތުގައި ކުރުނު ހެޔޮކަން ބޮޑުވެގެންވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރަންވީ ކަންކަން

  • އީދު ނަމާދަށް ނިޔަތްގަނެ ހަށަން ބަންނަ ތަކްބީރު ކިޔައި ހަށަން ބަނދެ، ދުއާއުލް އިފްތިތާހް ކިޔުން.
  • ހަށަން ބަންނަ ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައި ވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން.
  • އެއަށް ފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އައުލާ ނުވަތަ އެ މީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްއަތް ފުރިހަމަކުރުމަށް ފަހު ދެވަނަ ރަކްއަތަށް ތެދުވުން.
  • ދެ ވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައި ވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން.
  • ދެ ވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އާޝިޔާ ނުވަތަ އެ މީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • ދެވަނަ ރަކުއަތް ފުރިހަމަކޮށް، އައްތަހިއްޔާތު ކިޔުމަށް ފަހު ސަލާމްދިނުން.

ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަކަމަށް ބުނެފައިވާއިރު، މިއީ ރާއްޖޭގައި އީދު ނަމާދު މިސްކިތްތަކުގައި ޖަމާއަތުގައި ނުކުރާ ފުރަތަމަ ފަހަރެވެ.