ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ ފަހުން ފިލި ދެ މީހުން އަދިވެސް ނުފެނޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި މީހުންގެ ތެރެއިން ދެ މީހަކު އަދިވެސް ފެނިފައިނުވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެކި ސައިޓްތަކާއި ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެންއޯސީން އެކަން ހާމަކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އެ މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އަދި އެތަނުން އެކަކު ހޯދަމުންދަނިކޮށް އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައިކަން ވަނީ އެނގިފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ހޯދަމުންދާ ތިން މީހުންގެ ތެރެއިން އެކަކު ފަހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ދެ މީހަކު ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ. ފިލައިގެން އުޅެނީ ބިދޭސީންނެވެ.

އަދި އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

އެ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ކުރިން މަބުރޫކް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އޭނާ މިރޭ އިތުރު އެއްޗެއް ވިދާޅުވެއްނުވިއެވެ.