ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަސަން މަމްދޫހު (މަންޑޭ)

އިތުރު 22 ރަށަކަށް މަންޑޭ އެހީވެއްޖެ

May 18, 2020
1

ކޮވިޑް-19 އާ ގުޅިގެން އަތޮޅުތަކުގެ ރަށްރަށަށް އެހީތެރިވުމުގެ ގޮތުން ޒުވާން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ޕްރޮގްރާމްގެ ތެރެއިން އިތުރު ބައެއް ރަށްރަށަށް މިރޭ ސެނިޓައިޒާ އާއި މާސްކް ގެ އިތުރުން އަންގި ހަދިޔާ ކޮށްފި އެވެ.

މަންޑޭގެ ކޭޕާކް ރެސިޑެންސްގެ އޮފީހާއި އޭނާގެ ހަންބޯ ޕްރައިވެޓް ލިމިޓެޑް ވެސް ހިންގާ މައި އޮފީހުގައި މިރޭ ވަކިވަކީން ބޭއްވި ރަސްމިއްޔާތު ތަކެއްގައި 22 ރަށަކަށް މާސްކާއި ސެނިޓައިޒާ އާއި އަންގި ހަދިޔާ ކޮށް ހަވާލު ކޮށްފައި ވެއެވެ.

އެ ރަށްރަށުގެ ތެރެއިން މިރޭގެ ރަސްމިއްޔާތުތަކުގައި ބައިވެރިވި ރަށްތަކަށް މަންޑޭގެ ފަރާތްޕުޅުން މާސްކާއި ސެނިޓައިޒާ ހަވާލުކޮށް ދެއްވީ ހަމްބޯ ކުންފުންޏާއި ކޭޕާކް ރެސިޑެންސްގެ ބައެއް އިސް އޮފިޝަލުންނެވެ. މިރޭ ބައިވެރިވޭވޭ ގޮތް ނުވީ ތިން ރަށަކުންނެވެ. -- އެ ރަށްރަށަށް މާދަމާ ވަކީން ހަވާލު ކުރާނެ އެވެ.

މިރޭ ސެނިޓައިޒާ އާއި މާސްކާއި އަންގި ހަަދިޔާ ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ އުތުރުގެ ކުޅުދުއްފުށީ ސިޓީ އާއި ކ. ގާފަރާއި ތުލުސްދޫ އާއި ހިންމަފުއްޓާއި ކާށިދޫ އާއި ހުރަ އާއި ގުޅި އާއި ގުރައިދޫ އާއި މާފުއްޓާއި ދިއްފުށީގެ އިތުރުން ގދ. މަޑަވެއްޔާއި ބ. މާޅޮހާއި ނ. މާފަރާއި ނ. މަނަދޫ އާއި ޅ. ކުރެންދޫ އާއި ތ. ކަނޑޫދޫ އާއި ފ. ބިލަތްދޫ އާއި ގދ. ނަޑައްލާ އާއި ލ. ކުނަހަންދޫ އާއި ފ. މަގޫދޫ އާއި އެ އަތޮަޅު ފީއައްޔާއި ށ. ނަރުދޫ އެވެ.

މިރޭ ތަކެތި ހަދިޔާ ކުރި ރަށްތަކުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް 500 މާސްކާއި 100 އަންގި އާއި 48 ފުޅި ސެނިޓައިޒާ ހަދިޔާ ކޮށްފައި ވާއިރު ބައެއް ރަށް ރަށަށްް 200 އަންގި ވެސް ދީފައި ވެއެވެ.

މަންޑޭ މިރޭ ވިދާޅުވީ މީގެ ދެ ހަފުތާ ކުރީން އޭނާ ފެއްޓެވި އެހީގެ ޕްރޮގްރާމްގައި މިހާރު ރާއްޖޭގެ 30 ޕަސެންޓް ރަށްރަށް ކަވަރު ކުރެވިފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މާސްކާއި ސެނެޓައިޒާގެ އިތުރުން ބޭނުންވާ ވަރަށް އަންގި ފޯރު ކޮށް ދެއްވާނެ ކަމަށެވެ.

"އިތުރަށް ބޭނުންވާ ކަމަށް ކަމަށްވާންޏާ އެހީ ދެވަނަ ބުރެއް ވެސް ފަށާނަން. އަޅުގަނޑު މި ބަލަނީ އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް. އަޅުގަނޑުގެ އަމާޒަކީ މި ޕްރޮގްރާމުގައި އެހީ ނުލިބޭ އެއްވެސް ރަށެއް ނެތުން،" މަންޑޭ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މަންޑޭ ވަނީ އައްޑޫ ސިޓީގެ ރަށްރަށާއި ހއ. ހދ. އާއި ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ގއ، ގދ. ބައެއް ރަށްރަށާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެންއީއޯސީގެ އިތުރުން ގައުމީ ދިފާއީ ބާރަށް ވެސް މާސްކާއި ސެނިޓައިޒާ އާއި އެހެނިހެން ސާމާނާއި އާލާތް ވަނީ ހާދިޔާ ކޮށްފަ އެވެ.