ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ލައިވް ކުރަނީ

May 19, 2020

ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި، އެކަމާ ގުޅޭ ގަވައިދު އެކުލަވާލައި އާންމު ކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދު ކުރުމާއެކު ކޯޓުތަކުގެ ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ. ކުރިމިނަލް ކޯޓުގައި ވަނީ މިފަހުން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފަ އެވެ.

ސުޕްރީމް ކޯޓުން ވެސް ޝަރީއަތްތައް ފެށުމަށް ނިންމައި މިއަދު ނެރުނު ގަވައިދުގައި ބުނީ ކޯޓަށް މީހުން ހާޒިރުވެ ޝަރީއަތް ކުރިއަށް ގެންދަން ރައްކާތެރި ނޫން ހާލަތުގައި ޝަރީއަތްތައް ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށް ކަމަށެެވެ.

މިފަދަ ހާލަތްތަކުގައި ފަނޑިޔާރުން، ޝަރީއަތް ކުރާ މަޖިލީހުގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށާއި ނަމަވެސް ފަނޑިޔާރުން ތިއްބަވަން ޖެހޭނީ ގައުން ތުރުކުރައްވައިގެން ކަމަށް ގަވައިދުގައި ވެއެވެ. ހަމައެހެން ވަކީލުން ވެސް ތިއްބަވަން ޖެހޭނީ ކޯޓު ފަޓުލޫނުގަ އެވެ.

ގަވައިދުގައިވާ ގޮތުން ކޮންމެހެން ސިއްރު ކުރަން ޖެހޭ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މެނުވީ އެހެން ޝަރީއަތްތައް ޓްވިޓާ އަދި ޔޫޓިއުބު މެދުވެރިކޮށް ލައިވް ކުރާނެ އެވެ.

އެފަދަ އަޑުއެހުންތަކަށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެއް ގަޑިއިރު ކުރިން ލޮގިންވާން ބޭނުންވާ ލިންކާއި ޔޫޒާ ނޭމް އަދި ޕާސްވޯޑް ފޮނުވާނެ އެވެ. އެއަށްފަހު އައިޑީކާޑުގެ މައުލޫމާތު ހިއްސާ ކުރުމަށް ފަހު، އަޑުއެހުމުގައި ވާހަކަ ދައްކަން ކޮޮންމެ ފަރާތަކަށް ފުރަތަމަ 10 މިނެޓްގެ ފުރުސަތު ދޭނެ އެވެ. އެއަށްފަހު މައްސަަލަ ބަލާ ބެންޗުން ކަނޑައަޅާ ގޮތެއްގެ މަތިން އިތުރު ފުރުސަތު ދޭނެ އެވެ.

މި ގަވައިދުގެ ދަށުން އޮންްލައިންކޮށް ޝަރީއަތްތައް ފަށާނީ އަންނަ މަހުން ފެށިގެންނެވެ. އެއާއެކު މިހާރު ހުއްޓާލާފައި އޮތް އިސްތިއުނާފުގެ މުއްދަތު ގުނުން ވެސް އެ ދުވަހުން ފެށިގެން ގުނަން ފަށާނެ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝަރީއަތްތައް ލައިވް ކުރާ ފަހަރެވެ. މީގެކުރިން ޓީވީތައް މެދުވެރިކޮށް ކުރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލައިވް ކުރި އެވެ.