ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޝަރުއީ ދާއިރާ ރިފޯމް ކުރުން

އިސްތިއުނާފު މުއްދަތު ގުނުމުގައިވެސް ދެ ގޮތެއް!

ކޮވިޑް-19 އާ ގުޅިގެން ޝަރުއީ ކޯޓުތަކުން އަމަލު ކުރަމުންދާނެ ގޮތުގެ އިދާރީ އުސޫލުތައް ދަނީ ހާމަ ކުރަމުންނެވެ. އެގޮތުން އިސްތިއުނާފީ ދެ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އުސޫލު މިދިޔަ ދެ ދުވަހުގެ ތެރެއިން ވަނީ އާންމު ކޮށްފަ އެވެ.

ކޯޓުތަކުގެ އަމާޒުވެސް މިވަގުތަށް ހުރީ ކޮންމެހެން ހުޅުވަން ޖެހިގެން ނޫނީ ނުހުޅުވުމަށެވެ. ނަމަވެސް އެހާ ދިގު މުއްދަތަކަށް އިންސާފު މަޑުޖައްސައި ނުލެވޭނެތީ ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ވެސް ނިންމާފައިވެ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، މިދިޔަ މަހުގެ 19 ވަނަ ދުވަހު އިއުލާން ކުރުމާ ގުޅިގެން ކޮންމެ ކޯޓަކުން ވެސް ވަނީ އެ ކޯޓަކަށް އޮންލައިންކޮށް މައްސަލަތައް ހުށަހެޅޭނެ ގޮތް ހަދާފަ އެވެ.

އަދި ކުއްލި ހާލަތު އިތުރު ކޮށްފައިވާތީ، ދެން އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ނެރުނުއިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އުސޫލުތަކުގެ "ޔުނިފޯމިޓީ" އެއް ނެތުމެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ އުސޫލުގައިވާ ގޮތުން އިސްތިއުނާފީ މުއްދަތު ގުނާނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތުގެ ދަށުން ދައުލަތުގެ އޮފީސްތައް ބަންދުކުރި ދުވަސްތައް އުނި ކުރުމަށްފަހު އެވެ. އާންމު ގޮތެއްގައި ވެސް އިސްތިއުނާފީ މުއްދަތާއި އެހެން ވެސް މުއްދަތުތައް ގުނަނީ ސަރުކާރު ބަންދު ދުވަސްތައް އުނި ކުރުމަށްފަހު އެވެ. އަދި، ކޮންމެހެން ހުށަހަޅަންޖެހޭ މައްސަލަތައް ނޫން އެހެން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ފިލައި ދިޔުމުން ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުގެ އުސޫލުގައިވެ އެވެ. ކޮންމެހެން ހުށަހަޅަންޖެހޭ މައްސަލަތައް އީމެއިލްކޮށް ސުޕްރީމް ކޯޓަށް ހުށަހެޅެ އެވެ.

އެކަމަކު، މި އުސޫލާ ހައިކޯޓުގެ އުސޫލު ތައާރަޒުވެ އެވެ. އެގޮތުން ހައިކޯޓު އުސޫލުގައިވާ ގޮތުން މިދިޔަ މަހުގެ މާޗް 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ކޮށްފައި ވީ ނަމަވެސް އާންމު އުސޫލާ އެއް ގޮތްވާ ގޮތުގެ މަތިން އިސްތިއުނާފީ މުއްދަތު ގުނަމުންދާނެ އެވެ. އެގޮތަށް ނިންމީ އެ މުއްދަތުގައި ވެސް އޮންލައިންކޮށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމުން ކަމަށް ހައިކޯޓު އުސޫލުގައިވެ އެވެ. މި މުއްދަތުގައި މިހާތަނަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ނުވަ މައްސަލައެކެވެ.

އެހެންކަމުން ސަރުކާރު ބަންދުވުމުގެ ކުރިން ނިންމައި، އިސްތިއުނާފަށް ހުށަނޭޅިވާ މައްސަލަތަކުގެ މުއްދަތު މިހާރު ވާނީ ހަމަވެފަ އެވެ. ދަށު ކޯޓަކުން މައްސަލައެއް ނިންމާތާ 10 ދުވަސް ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ އެވެ.

ބައެއް ވަކީލުން މިކަމާ ނުރުހުން ފާޅުކުރި އެވެ. ވަކީލުން ފާހަގަ ކުރާ ގޮތުގައި ދެ ކޯޓުން މުޅިން ދެ އުސޫލަކަށް އަމަލު ކުރުމަކީ ވަކީލުންނަށް އޭގައި އޮޅުންތަކެއް އަރާނެ ކަމެކެވެ. އަދި މިފަދަ ކަންކަމަކީ އަމަލު ކުރާ ކޮންމެ ވެސް އެއް އުސޫލެއް އޮންނަން ޖެހޭ ކަމެއް ކަމަށް ފާހަގަކުރި އެވެ. ސުޕްރީމް ކޯޓުން ވަކި އުސޫލެއް އޮތްވައި އެއާ މުޅިން އެހެން ގޮތަކަށް ހައިކޯޓުގެ އުސޫލު އޮތުން އެއީ ވެސް މައްސަލައެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.