ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހިންމަފުށިން ނެގި 156 ސާމްޕަލްވެސް ނެގެޓިވް

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމާއި ގުޅިގެން ހިންމަފުށީގައި ބަލީގެ ހާލަތު އޮތް މިންވަރު ދެނަގަތުމަށް ނެގި 156 ސާމްޕަލް ވެސް ނެގެޓިވް ވެއްޖެ އެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީތެރިވެދޭ ރީހެބުން ބަޔަކަށް ޕޮޒިޓިވްވީ އެތަނުން ނެގި ރެންޑަމް ސާމްޕަލްތަކެެއްގެ ތެރެއިންނެވެ. އެކަމާއި ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ލޮކްޑައުން ކޮށްފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. ނަމަވެސް ހިންމަފުއްޓަށް ނިސްބަތްވާ އެ ސެންޓަރުގެ ބައެއް މުވައްޒިފުން މެނޭޖްމަންޓަށް ނޭންގި ރަށުތެރޭގައި އުޅެފައިވާކަން އެނގިފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

އެހެން ކަމުން އެ ރަށުގައި ބަލީގެ ހާލަތު އޮތް މިންވަރު ބެލުމަށް އެކި ސަރަހައްދުތަކުން ވަނީ 156 ސާމްޕަލް ނަގާފައެވެ. އެއީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން 37 ސާމްޕަލާއި އައްސޭރި ޖަލުން 37، އިންޑަސްޓްރިއަލް ޒޯން 45 ސާމްޕަލް އަދި ރަށުތެރެެއިން 38 ސާމްޕަލެކެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެ ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި ހުރިހާ ނަތީޖާތައް ނެގެޓިވް ކަމަށެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ބަޔަކު ޕޮޒިޓިވްވެފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ފަހުން އެއްވެސް މީހަކު އެ ސެންޓަރަށް ގެންގޮސްފައިނުވާ ކަމަށް އެންއީއޯސީން ބުންޏެވެ. އެ ދުވަހު ހަތަރު މީހަކު ރިހެބަށް ގެންގޮސްފައިވާއިރު އޭގެ ކުރީ ދުވަހު ހަތަރު މީހުން ވަނީ ގެންގޮސްފައެވެ. މީގެ އިތުުރުން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެކަކު އަދި 8 ވަނަ ދުވަހު ދެ މީހުން ގެންގޮސްފައިވާ ކަމަށެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ސެންޓަރަށް ގެންދިޔަ މީހަކު ހިމެނޭ ކަމަށް އެންއީއޯސީން ބުންޏެވެ. އަދި އެ ދުވަހު ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގެއަށް އައިސްފައިވާ ކަމަށާ އޭގެ ތެރެއިން އެކަކު ދިޔަ ގެއަކުން ޕޮޒިޓިވް ކޭހެއް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން ރިހެބަށް ކޮވިޑްގެ ބަލިމަޑުކަން ދިޔައީ އެ މަގުން ކަމަށް ބެލުމުގެ ފުުރުސަތު އެބައޮތް ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.