ޒަކާތް

ޒަކާތް ބަހާ ލިސްޓާގުޅޭ މައްސަލަތަކެއް ފެންމަތިކޮށްފި

މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށް މި އަހަރު ފިތުރު ޒަކާތް ނުބެހޭނެ ކަމަށާއި އެކަން ގަބޫލު ނުކޮށް ދޮގު ވާހަކަތައް ފެތުރުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓްރީގެ ވެރިންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަހާނީ މިދިޔަ އަހަރު އެކުލަވައިލި ލިސްޓަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާ ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތް ކޮށްގެން ކަމަށް އިސލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ލިސްޓަކަށް މިއަހަރު ޒަކާތް ބެހުމަކީ ޝަރުއީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މިހެން ވިދާޅުވުމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވަނީ ޝަހީމަށް އަމާޒު ކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި 2016 ވަނަ އަހަރާ ހަމައަށް ޒަކާތު ފައިސާ ދޫކޮށްފައި ވަނީ އަޕްޑޭޓް ލިސްޓަކަށް ނޫން ކަމަށާ އެ ލިސްޓްގައި ތަނަވަސްކަން ހުރި މީހުން ތިބި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިހާރުގެ ލިސްޓަކީ ވަކި މިންގަނޑަކަށް ބެލުމަށް ފަހު އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޓްވީޓާއި ގުޅިގެން ޝަހީމް ވަނީ ހަދަން އުޅުނު ގޯސް ގަބޫލު ނުކޮށް ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. ފަގީރުންގެ ލިސްޓަކީ އިސްލާމިކް މިނިސްޓްރީން ހަދާ އެއްޗެއް ނޫން ކަމަށާ ކައުންސިލުންތަކުން ފަގީރުންގެ ލިސްޓް އެކުލަވައިލުމުން މިނިސްޓްރީން އެ ލިސްޓް އެޕްރޫވް ކުރަނީ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ރަމަޟާން މަހު މާތް ﷲ އަށް ބިރުވެތިވޭ އިލްޔާސް. ހެޔޮ ނުވާނެ." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޝަހީމް ވިދާޅުވީ މި ހާލަތުގައި ލިސްޓް ހަދަން ވަގުތު ލިބި، މީހުން ހާލުގައި އުޅޭތާ ތިން ހަތަރު މަސްވީ އިރު ފަގީރުންގެ ލިސްޓް ހަދަން ކައުންސިލްތަކަށް އެންގުމަކީ އިސްލާމިކް މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"ކުރީގެ އަހަރުގެ ލިސްޓަކަށް މިހާރުގެ މި ހާލަތުގައި ފިތުރު ޒަކާތް ބެހުމަކީ ޝަރުއީ ގޮތުން ކިހާވަރެއްގެ ނުބައި ކަމެއްކަން އިލްޔާސްއަށް އެނގޭނެ." ޝަހީމް ވިދާޅުވެފައި ވެއެވެ.