އަހުމަދު މަހްލޫފު

ކުޅުންތެރިންގެ އިނާޔަތާމެދު މަޝްވަރާ ކޮށްފި

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއެކު މަޝްވަރާ ކުރައްވައިފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެސޯސިއޭޝަންތަކާއެކު ކުރެއްވި މަޝްވަރާގައި މިނިސްޓަރު ވަނީ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ އެކެޑެމީތަކާ ގުޅޭ ގޮތުންނާއި ނިއު ނޯމަލް ހާލަތުގައި ކުޅިވަރުގެ ގައިޑްލައިން އެކުލަވާލުމާ ބެހޭގޮތުން ވެސް މަޝްވާރާ ކުރައްވާފަ އެވެ.

އެސޯސިއޭޝަންތަކާއެކު، މަޝްވާރާއަށް މިނިސްޓަރު މަހްލޫފް ވަޑައިގެންނެވީ، ކުޅުންތެރިންގެ އިނާޔަތާ ބެހޭގޮތުން ވިދާޅުވި ވާހަކާއާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެ މަހުގެ އިނާޔަތް ލިބިފައި ނުވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިމަހުގެ ހަތަރު ވަނަ ދުވަހު މަހްލޫފް ވިދާޅުވެފައި ވަނީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިނާޔަތް ދެނީ އެ ކުޅުންތެރިން ކުރާ ޕްރެކްޓިސްތަކުގެ މައްޗަށް ބިނާކޮށް އެސޯސިއޭޝަންތަކުން ފޮނުވާ ލިސްޓަށް ކަމަށެވެ. އެހެންވެ ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުދެނީ ކަމަށެވެ.

"މުޅިން އާ ކަމެއް ކުރިމަތި ވެގެން މިއުޅެނީ ދުވަހަކު ކުރިމަތި ނުވާ ކަމެއް، މިހާރު ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުލިބިގެން މިއުޅެނީ." މަހްލޫފް ވިދާޅުވެފައި ވެއެވެ.

ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް އިނާޔަތް ދިނުމަށް މަހަކު 1.4 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެއީ ކޮންމެ ކުޅުންތެރިޔަކަށް 5000 ރުފިޔާ އެވެ.

އެކެޑެމީތަކުގެ ފަރާތުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ހޯދައިދިނުމަށް އެދި ޔޫތު މިނިސްޓްރީއަށް ސިޓީ ފޮނުވާފަ އެވެ. އެކަމާ ގުޅޭގޮތުން، މި ހަފުތާގައި އަވަސް އަށް ދެއްވި އިންޓަވިއުގައި މަހްލޫފް ވިދާޅުވީ، އެކެޑެމީތަކުގެ ކޯޗުން ވެސް އިކޮނަމިކް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގައި ރަޖިސްޓްރީ ވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.